ރައީސްގެ އިރުޝާދުގެ ދަށުން ޙައްޖުވެރިންގެ ކަންކަން ފަސޭހަ ކުރުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރެވެމުން: ޝަހީމް

އަައިޝަތު ޒީނާ | 6 ގަޑިއިރު ކުރިން - 25 މޭ 2025 09:21
ރޭ ޙައްޖު ކޯޕަރޭޝަނުން ބޭއްވި ތަމްރީން ބައްދަލުވުން ޝަރަފްވެރިކޮށްދެއްވާ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. ޝަހީމް ވާހަކަދައްކަވަނީ. / ފޮޓޯ: ވުޒާރާ
ރޭ ޙައްޖު ކޯޕަރޭޝަނުން ބޭއްވި ތަމްރީން ބައްދަލުވުން ޝަރަފްވެރިކޮށްދެއްވާ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. ޝަހީމް ވާހަކަދައްކަވަނީ. / ފޮޓޯ: ވުޒާރާ
ޚުލާސާ

ދިވެހި ޙައްޖުވެރިންގެ ތެރެއިން މިއަހަރު ފުރާ ފުރަތަމަ ފުލައިޓުގެ ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވަނީ މާދަމާ.

ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ދިވެހި ޙައްޖުވެރިންގެ ކަންކަން ފަސޭޙަ ކުރުމަށް ސަރުކާރުގެ ކަމާބެހޭ ހުރިހާ އިދާރާތަކެއް ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށާއި މިކަންކަމުގެ ހެޔޮ ނަތީޖާވެސް ފެންނަމުންދާކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، މިއަހަރު ރާއްޖެއިން ޙައްޖަށްދާ ފުރަތަމަ ފުލައިޓުގެ ޙައްޖުވެރިންނަށް ރޭ ޙައްޖު ކޯޕަރޭޝަނުން ބޭއްވި ތަމްރީން ބައްދަލުވުން ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ، މާތްﷲގެ އިރާދަފުޅާއެކު ދިވެހި ޙައްޖުވެރިންނަށް މިއަހަރު ވަރަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށާއި ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ކުރިއަށް ގެންދާ މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމެނެއްވުމަށް ނިންމެވިކަމީ ދިވެހިރާއްޖޭގެ ޙައްޖުގެ ތާރީޚުގެ ތެރެއަށް އަންނަ އެންމެ ފަސޭހަ ކަންތައްތަކަށް ވެގެންދާނެކަމަށެވެ.

ވަޒީރު ވަނީ މައްކާ ރޫޓު އިނީޝިއޭޓިވްއާއި ގުޅޭ މުހިއްމު މަޢުލޫމާތުތަކެއް ޙައްޖުވެރިންނާއި ޙިއްސާ ކުރައްވާފައެވެ. އެގޮތުން ވަޒީރު ވިދާޅުވީ، މައްކާ ރޫޓު އިނީޝިއޭޓިވްގެ ފަސޭހަކަން ޙައްޖުވެރިންނަށް އިޙްސާސް ވެގެންދާނީ ޖިއްދާ އެއާޕޯޓުންކަމަށާއި ޙައްޖުވެރިންނަށް ޖިއްދާ އެއާޕޯޓުން ސަޢުދީ ސަރުކާރުގެ އިސްތިޤުބާލު ކުރައްވާނެކަމަށާއި، އިމިގްރޭޝަންގެ ކަންކަމަށް އަދި ފޮށިތައް ނެގުމަށްވެސް ޙައްޖުވެރިން އެއާޕޯޓުގައި މަޑުކުރަން ނުޖެހި ވަގުތުން ހޮޓަލަށް ދެވޭނެކަމަށެވެ.

މީގެ އިތުރުން ދިވެހި ޙައްޖުވެރިންގެ ހައްޤުގައި ދިވެހި ސަރުކާރުން، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން އަދި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހުރިހާ ޚިދުމަތެއް ފޯރުކޮށްދިނުމުގައި ދެމި ތިއްބަވާނެ ކަމަށާއި، ޙައްޖުވެރިއަކަށް ޙާލަތެއް ދިމާވިނަމަވެސް ދިވެހި ސަރުކާރުން އެ ޙައްޖުވެރިއަކަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ދިވެހި ޙައްޖުވެރިންގެ ތެރެއިން މިއަހަރު ފުރާ ފުރަތަމަ ފުލައިޓުގެ ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައި ވަނީ މާދަމާއެވެ. މާދަމާ އެއާޕޯޓުގައި މައްކާ ރޫޓު އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙްކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މައްކާ ރޫޓު އިނީޝިއޭޓިވް އިފްތިތާޙްކޮށްދެއްވާނީ ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%