ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އާ ޓަރމިނަލް ޖުލައިމަހުގެ ނިޔަލަށް ނިންމައި ޚިދުމަތްދޭން ފެށުމަށް މަސައްކަތްކުރަމުންދާ ކަމަށް ރީޖަނަލް އެއަރޕޯޓްސްގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު މުބީން ވިދާޅުވެއްޖެއެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަޢުލޫމާތު ހިއްސާކުރައްވަމުން އަޙުމަދު މުބީން ވިދާޅުވީ މުޅި މަޝްރޫޢުގެ 83 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މި މަޝްރޫޢުގެ ހުރިހާ މަސައްކަތެއް ނިމޭނެކަމަށް އަންދާޒާކުރަނީ މިއަހަރުގެ ނިޔަލަށް ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން މަސައްކަތް ކުރަމުން ދަނީ ޖުލައިމަހުގެ ނިޔަލަށް އެއަރޕޯޓުގެ މަސައްކަތްތައް ޚިދުމަތް ދެވޭ މިންވަރަށް ނިންމުމަށް. މިއީ ވަރަށް ބައިވަރު ބައިތައް ހިމެނޭ މަޝްރޫޢުއަކަށްވާތީ، މަޝްރޫޢުގެ ހުރިހާ މަސައްކަތްތައް ނިމޭނެކަމަށް އަންދާޒާކުރަނީ މިއަހަރުގެ ނިޔަލަށް" އަޙުމަދު މުބީން ވިދާޅުވިއެވެ.
ގާތްގަނޑަކަށް ދެ ބިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުން އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެއެވެ. އެއަރޕޯޓުގެ މަސައްކަތްތައް އަވަސްކުރުމަށް 24 ގަޑިއިރު މަސައްކަތް ކުރަމުންދާއިރު، 800 އަށްވުރެ ގިނަ މުވައްޒަފުން އެކި މަސައްކަތްތަކުގައި ހަރަކާތްތެރިވަމުންދާ ކަމަށް އަޙުމަދު މުބީން ވިދާޅުވިއެވެ.
އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖީ ބަލަސުބްރަމާނިއަން ވިދާޅުވެފައިވަނީ ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓު ތަރައްޤީ ކުރުމުގެ މަސައްކަތް ނިންމައި އަންނަ ޖޫން ނުވަތަ ޖުލައި މަހުގެ ތެރޭގައި ސަރުކާރާއި ހަވާލު ކުރެވޭނެ ކަމަށް އުންމީދު ކުރެވޭ ކަމަށެވެ. އަދި މި އެއަރޕޯޓަކީ ރާއްޖޭގައި މިހާރު ހުރި އެއަރޕޯޓުތަކުގެ ތެރެއިން އެންމެ ހިތްގައިމު އެއް އެއަރޕޯޓަށް ވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި މަޝްރޫޢު ނިމުމުން، ހަނިމާދޫ އެއަރޕޯޓުން އޭ320 އަދި ބޮއިންގް 737ގެ މަރުކާގެ ފްލައިޓްތަކަށް ޚިދުމަތް ދެވޭނެއެވެ. އަދި މި މަޝްރޫޢު ވެގެންދާނީ މުޅި އުތުރުގެ އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް ގެނުވާނެ މަޝްރޫޢުއަކަށެވެ.