ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ސަރަހައްދީ އެއާލައިނެއްގެ ހަބަކަށް ހަދަންޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި ނަޝީދު ވިދާޅުވީ، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަކީ ސަރަހައްދީ އެއާލައިނެއްގެ ހަބެއްގެ ގޮތުގައި ހެދުމަށްފަހު، އެ އެއާލައިނާ ގުޅިގެން ހަނިމާދޫ އެއާޕޯޓް ހިންގުމުން ދިވެހިންނަށް ލިބޭނެ ފައިދާ ބޮޑުވެގެންދާނެ ކަމަށެވެ.
ނަޝީދު އިތުރަށް ވިދާޅުވީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ސަރަހައްދީ އެއާލައިނެއްގެ ހަބަކަށް ހެދުމުން އުތުރުގެ ތަރައްގީއަށް ފަހިވެގެންދާނެ ކަަމަށެވެ.
ނަޝީދު މި މޭރުމުން ވިދާޅުވެފައި މިވަނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން ދިވެހި ސަރުކާރުން އިންޑިއާގެ އެހީތެރިކަމަށް އެދުނު ކަމަށް ބުނެ، އިންޑިއާގެ ނޫހެއް ކަމަށްވާ "ދަ ހިންދޫ"ގައި ރިޕޯޓްކޮށްފައި ވަނިކޮށެވެ. އެހެން ނަމަވެސް ޓްރާންސްޕޯޓް މިނިސްޓަރު އަމީން ވަނީ މިކަން ދޮގުކުރައްވައިފަ އެވެ.
ރާއްޖޭގެ އެއްވެސް އެއާޕޯޓެއް ހިންގަން ބޭރުގެ ބަޔަކަށް ނުދޭނެ ކަމަށް މިނިސްޓަރު އަމީން ވަނީ ވިދާޅުވެފަ އެވެ.






