އެމްޑީޕީގެ އެތެރޭގެ މަސްރަޙު އަނެއްކާވެސް ހޫނުވެ، ޕާޓީގެ ގްރާސްރޫޓްގެ މެންބަރުންގެ މެދުގައި ބޮޑެތި ސުވާލުތަކާއި ތުހުމަތުތަކެއް ފެންމަތިވާން ފަށައިފިއެވެ. މިގޮތުން އެންމެ ގަދައަށް ދެކެވޭ ވާހަކައަކީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކޮންމެ ދުވަހަކުވެސް އެއް ގަޑިއެއްގައި، ފައްޔާޒު އިސްމާޢީލް (ފަޔާ) ގެ ގެއަށް ވަޑައިގަންނަވާ ވާހަކައެވެ.
މި ބައްދަލުވުންތަކުގައި ނަޝީދަށް އަރުވާ ކާއެއްޗެއްސަކީ އޭގެ ފަހަތުގައި ސިހުރު ނުވަތަ ފަންޑިތައިގެ ނުފޫޒެއް އެކުލެވިގެންވާ އެއްޗެހިތަކެއް ކަމަށް ބުނެ، ގްރާސްރޫޓްގެ ބައެއް ފަރާތްތަކުން ދަނީ ޝައްކުގެ އިނގިލި ދިއްކުރަމުންނެވެ.
މި ތުހުމަތުތަކަށް ބާރުދޭ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، މާޒީގައި މި ދެބޭފުޅުންގެ މެދުގައި ވަނީ ސިޔާސީ ގޮތުން ހައްލުނުކުރެވޭ ވަރުގެ ބޮޑެތި އަރައިރުންތަކާއި ޚިޔާލުތަފާތުވުންތައް ހިނގާފައެވެ. ޚާއްޞަކޮށް 2022 ވަނަ އަހަރުގެ އެމްޑީޕީ ޗެއާޕާސަން އިންތިޚާބުގެ ތެރޭގައްޔާއި، ފައްޔާޒު އިކޮނޮމިކް މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު މިނިސްޓްރީގެ ތެރޭގައި ކޮރަޕްޝަން ހިންގާކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ ފާޑުވިދާޅުވެ، ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކުރައްވާފައެވެ.
މިފަދަ ދެބަސްވުމާއި އަރައިރުން އުފެދުނު ސިޔާސީ މާޒީއެއް އޮތް ދެ ބޭފުޅުން، ކުއްލިއަކަށް ހުރިހާ މައްސަލައެއް ހަނދާން ނައްތާލުމަށްފަހު، މިހާ ގާތް ގުޅުމެއް ބާއްވަން ފެށުމަކީ ގްރާސްރޫޓަށް ގަބޫލުކުރަން ދަތި، ހައިރާންކުރުވަނިވި ކަމަކަށް ވަނީ ވެފައެވެ.
އެމްޑީޕީގެ އާންމު މެންބަރުންގެ މެދުގައި މި ވާހަކަ ވަރަށް ބޮޑަށް ދެކެވޭއިރު، ވަރަށް ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ރައީސް ނަޝީދު އަލުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ޖެހެއެވެ.
ފާހަގަކޮށްލަން ޖެހޭ ކަމަކީ މިހާތަނަށް ނަޝީދު ވިދާޅުވަމުން ގެންދަވަނީ ފައްޔާޒަށް ތާއީދު ކުރައްވާ ކަމަށެވެ.









