އަވަށްޓެރި އިންޑިއާގެ އެހީގައި ތަރައްޤީ ކުރި ހަނިމާދޫ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެންމެ ހުޅުވައިދެއްވައިފިއެވެ. ކުލަގަދަ ހަވާ އެރުވުމާއި އެކު ބޭއްވި މި ރަސްމިއްޔާތުގައި އެމަނިކުފާނުގެ ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް އާއި ވަޒީރުންނާއި، އިންޑިއާގެ މަތީ ފެންވަރުގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް ނުވަތަ ރާއްޖޭގެ އުތުރުގެ ބައިނަލްއަޤްވާމީ ގޭޓުން އައިލެންޑް އޭވިއޭޝަންގެ ބޮޑު ބޯޓު A321 ގައި ރައީސް ވަޑައިގަތުމުން، އެމަނިކުފާނަށާއި އެމަނިކުފާނުގެ ވަފުދަށް ހޫނު މަރުޙަބާއެއް ކިޔާފައި ވެއެވެ.
މި އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި މެހުމާނުންނަށް ޝަރަފްވެރިކަން ދިނުމުގެ ގޮތުން ރަށްރަށުން ވަނީ ޖާފަތް ވެސް ތައްޔާރުކޮށްފައެވެ.
އިންޑިއާގެ އެކްސިމް ބޭންކް ލައިން އޮފް ކްރެޑިޓް މެދުވެރިކޮށް ފައިސާ ހޯދައިގެން ކުރިއަށް ގެންދިޔަ މި މަޝްރޫޢަށް 136 މިލިއަން ޑޮލަރު ހޭދަކޮށްފައި ވެއެވެ.
2.7 ކިލޯ މީޓަރުގެ ރަންވޭ އެއް ހުންނަ ހަނިމާދޫ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުން އަހަރަކު 1.3 މިލިއަން ފަސިންޖަރުން އުފުލޭނެއެވެ.






