ހަނިމާދޫ އެއާޕޯޓުގެ އޮޕަރޭޝަންތައް އާ ޓާމިނަލަށް ބަދަލުކުރަން ނިންމައިފި

އައިޝަތު ރުވާ ރިފްޢަތު | 47 ދުވަސް ކުރިން - 14 އޮކްޓޯބަރު 2025 23:02
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް. މި ޓާމިނަލް އަންމަ މަހު 9 އެއްގައި ހުޅުވުމަށް އަންނަނީ ތައްޔާރުވަމުން--- ފޮޓޯ:ޚުލާސާ
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް. މި ޓާމިނަލް އަންމަ މަހު 9 އެއްގައި ހުޅުވުމަށް އަންނަނީ ތައްޔާރުވަމުން--- ފޮޓޯ:ޚުލާސާ
ޚުލާސާ

ހަނިމާދޫގައި އަލަށް އިމާރާތްކުރި އެއާޕޯޓު ހުޅުވުމުގެ މަސައްކަތް އަންނަ ނޮވެމްބަރުގައި ހުޅުވުމަށް މަސައްކަތް ކުރަނީ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި މިހާރު ބޭނުންކުރަމުން އަންނަ ޓާމިނަލްގެ އޮޕަރޭޝަންސްތައް އަލަށް އިމާރަތްކުރަމުންދާ ޓާމިނަލަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް އެއާޕޯޓު ބަލަހައްޓާ ކުންފުނި ކަމަށްވާ އެމްއޭސީއެލުން ބުނެފި އެވެ.

އެމްއޭސީއެލް އިން ބުނެފައިވަނީ އަންނަ މަހު ޓާމިނަލް ހުޅުވުމަށް އަންނަ ތައްޔާރީތަކުގެ ތެރެއިން މިހާރު ބޭނުންކުރާ ޓާމިނަލްގެ އޮޕަރޭޝަންސްތައް މާދަމާއިން ފެށިގެން އާ ޓާމިނަލްގެ ގްރައުންޑް ފުލޯއަށް ބަދަލުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އެ ކުންފުނިން ބުނެފައިވަނީ މި ބަދަލު ގެންނަން ހަމަޖެހިފައިވަނީ އާ ޓާމިނަލް ހުޅުވުމަށްޓަކައި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެސީއޭއޭ)ގެ މިންގަނޑުތަކާ އެއްގޮތަށް ހުރިހާ ވައްތަރެއްގެ ކޯޑު-ސީ މަތިންދާބޯޓުތައް އާ ރަންވޭ އަށް ޖެއްސޭނީ މުޅި ރަންވޭ ބޭނުންކޮށްގެން ކަމުގައިވާތީ، ރަންވޭ އަށް ކްލިއަރެންސް ހޯދުމަށްޓަކައި މިހާރު ބޭނުންކުރަމުންދާ ޓާމިނަލް އާއި އެ ޓާމިނަލް އިންވެގެންވާ އިމާރާތްތަކާއި އަދި އުސް ތަންތަން ނަގައި ހުސްކުރަންޖެހޭތީ އެވެ. އެ ކުންފުނިން ބުނެފައިވަނީ މިކަމާ ގުޅޭ އެންމެހާ މައުލޫމާތު މި މަހު ނުވަ ވަނަ ދުވަހު ހަނިމާދޫ ކައުންސިލާ ހިއްސާކޮށްފައިވާ ކަމަށެވެ.

ހަނިމާދޫ އާ ޓަމިނަލް ނިންމުމަށްޓަކައި އެންމެ ފަހުހެ ތައްޔާރީތައް އެމްއޭސީއެލް އިން ދަނީ ކުރަމުންނެވެ. އެހެންކަމުން އާ ޓާމިނަލްގެ ހިދުމަތްތަކާއި، ޕްރޮސީޖާތައް ތައްޔާރުކުރުމާއި، އެތަނަށް ބޭނުންވާ މެޝިނަރީސްތައް ޓެސްޓުކުރުމާއި އެތަނުގެ މައިގަނޑު ހަރަކާތްތެރިންގެ ގޮތުގައި ހިމެނޭ އިންސާނީ ވަސީލަތް ތަމްރީނުކުރުމާއި ހުޅުވުމުގެ ކުރިއާއި ފަހަތަށް މުޅި ޓާމިނަލް ގައުމީ އަދި ބައިނަލްއަގްވާމީ މިންގަނޑުތަކަށް ތައްޔާރުކުރެވިފައިވޭތޯ ކަށަވަރު ކުރުމަށް ކުރިއަށް ގެންދާ އޮރާޓް ޕްރޮސެސް މިހާރު ފަށާފައިވާ ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފަ އެވެ.

ނިމިދިޔަ އޮގަސްޓު މަހު ރައީސް ވަނީ ހަނިމާދޫ އަށް ވަޑައިގެން އެއާޕޯޓުގެ މަސައްކަތްތައް ބައްލަވާލައްވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ ބާރު ސްޕީޑުގައި ޓާމިނަލްގެ މަސައްކަތްތައް ކުރިއަށް ގެންގޮސް އަމާޒަކީ އެންމެ ލަސްވެގެން މިއަހަރު ނޮވެމްބަރު މަހު ހުޅުވުން ކަމަށެވެ.

ހަނިމާދޫ އެއާޕޯޓުގެ މަޝްރޫއުގެ ތެރޭގައި 2.7 ކިލޯމީޓަރުގެ އާ ރަންވޭއަކާއި، އާ އެއާޓްރެފިކް ކޮންޓްރޯލް ޓަވަރަކާއި ކާގޯ ޓާމިނަލް އިމާރާތެއްގެ އިތުރުން ފިއުލް ފާމެއް ހިމެނޭނެ އެވެ. މި މަޝްރޫއު އަށް ގާތްގަނޑަކަށް ދެ ބިލިއަން ރުފިޔާ ހަރަދުވެ އެވެ.

މިއީ 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭނެ ޓާމިނަލެކެވެ. އަލަށް ތަރައްގީކުރާ ރަންވޭގެ މަސައްކަތް ނިމުމުން އޭ-380 އަދި ބޮއިންގް 737 ގެ މަރުކާތަކުގެ ބޯޓު ޖެއްސޭނެ އެވެ. މިއީ ވެލާނާ އެއާޕޯޓަށްފަހު ރާއްޖޭގައި ތަރައްގީ ކުރެވޭ އެންމެ ފެންވަރު ރަނގަޅު އެއާޕޯޓެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%