ޣައްޒާ އަށް ވެއްދީ ސައިސަމްސަލެއްހާ ކުޑަ އެހީ: އދ

ޖަވާދު | 10 ގަޑިއިރު ކުރިން - 24 މޭ 2025 13:04
އެތެރެކުރުމުގެ ހުއްދަ ދީފައިވާ 400 ލޮރީގެ ތެރެއިން 115 ލޮރީގައި ހުރި ތަކެތި ވަނީ އެތެރެކޮށްފައި. އެހީ ބޭނުންވާ 2.1 މިލިއަން މީހުން އެބަތިބި.
އެތެރެކުރުމުގެ ހުއްދަ ދީފައިވާ 400 ލޮރީގެ ތެރެއިން 115 ލޮރީގައި ހުރި ތަކެތި ވަނީ އެތެރެކޮށްފައި. އެހީ ބޭނުންވާ 2.1 މިލިއަން މީހުން އެބަތިބި.
ޚުލާސާ

މިހާރު ވެސް ޔަހޫދީ ފައުޖުން ދަނީ ޣައްޒާއަށް މެދުކެނޑުމެއް ނެތި ނިރުބަވެރި ޙަމަލާތައް އަމާޒު ކުރަމުންނެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނި 76 މީހުން މަރުވި.

ކާނާ ނުލިބިގެން ބަނޑަށް ޖެހި 14000 ކުދިން މަރުވެ އެތައް ލައްކަ ބޔަކަށް ނުރައްކާތެރި ބަލި ޖެހުމުގެ ބިރު އޮތް ޣައްޒާއަށް އިއްޔެ ވެއްދީ “ސައިސަމްސަލެއްހާ” ކުޑަ އެހީ ކަމަށް އެކުވެރި ދައުލަތްތަކުގެ (އދ) ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވިދާޅުވެއްޖެއެވެ.

އެހީ ބޭނުންވެފައިވާ ފަލަސްޠީނުގެ ޣައްޒާގައި 2.1 މިލިއަނެއްހާ މީހުން އެބަތިއްބެވެ.

ނިއު ޔޯކްގައި ނޫސްވެރިންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ގުތެރޭޝް ވިދާޅުވީ، ޣައްޒާގެ ރައްޔިތުން މިހާރު ތަޙައްމަލު ކުރަމުންދަނީ މި އަނިޔާވެރި ހަނގުރާމައިގެ އެންމެ ބޮޑަށް އަނިޔާވެރި ދުވަސްތައް ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ގާތްގަނޑަކަށް 80 ދުވަހުގެ މުއްދަތަކަށް އިސްރާއީލުން ވަނީ ޣައްޒާއަށް ޒަރޫރީ އެހީ ފޯރުކޮށްދިނުމަށް ހުރަސްއަޅާފައެވެ.

ގުތެރޭޝް ފާހަގަކުރެއްވި ގޮތުގައި ޣައްޒާއަށް އެތެރެކުރުމުގެ ހުއްދަ ދީފައިވާ 400 ލޮރީގެ ތެރެއިން 115 ލޮރީގައި ހުރި ތަކެތި ވަނީ ބަނޑަށް ޖެހިފައިވާ މީހުންނަށް ޙަވާލުކޮށްފައެވެ.

"އެހީއަށް ބޭނުން ޖެހިފައިވާ މިންވަރަށް ބަލާއިރު މިހާތަނަށް ފޯރުކޮށްދީފައި އެ ވަނީ އެންމެ ސައިސަމުސަލެއްހާ ކުޑަކުޑަ މިންވަރެއް. އެހީއަށް ބޭނުން ޖެހިފައިވާ މިންވަރު އިންތިހާއަށް ބޮޑު،" ގުތެރޭޝް ވިދާޅުވިއެވެ.

ގުތެރޭޝް އިތުރަށް ފާހަގަކުރެއްވި ގޮތުގައި ކާބޯތަކެއްޗާއި އިންސާނީ އެހީގެ އިތުރުން، ޞިއްޙީ ފަރުވާއަށް ބޭނުންވާ ބޭހާއި އެހެނިހެން ސާމާނު، އަދި ތެޔޮ ފަދަ މުހިންމު ތަކެތި އެތެރެކުރުމަށް ވެސް އިސްރާއީލުން ވަނީ ހުރަސްއަޅާފައެވެ.

މިހާރު ވެސް ޔަހޫދީ ފައުޖުން ދަނީ ޣައްޒާއަށް މެދުކެނޑުމެއް ނެތި ނިރުބަވެރި ޙަމަލާތައް އަމާޒު ކުރަމުންނެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނި 76 މީހުން ވަނީ ޝަހީދުވެފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%