މީހުން ހައްޖަށް ފުރާ ދުވަސްތަކުގައި އެއާޕޯޓުގެ ޓްރެފިކް ބާރުބޮޑުވާނެތީ ސަމާލުވުމަށް ފުލުހުން މިއަދު އިލްތިމާސްކޮށްފި އެވެ.
ދިވެހި ހައްޖުވެރިން ފުރަން ފަށާނީ އަންނަ ހޯމަ ދުވަހު އެވެ. މި މަހު 27، 29 އަދި 30 ގައި ވެސް ހައްޖުވެރިންގެ ފްލައިޓްތައް ފުރާނެ އެވެ.
ފުލުހުން ބުނީ އެ ދުވަސްތަކުގައި އެއާޕޯޓުގައި ޓްރެފިކް ތޮއްޖެހުން ބޮޑުވާނެ ކަމަށް ބެލެވޭ ކަމަށެވެ. އެހެންވެ، އޮމާންކަމާ އެކު ޓްރެފިކް ފްލޯ ކުރިއަށް ގެންދިއުމަށް އެ ދުވަސްތަކުގައި އިތުރު ފުލުހުން އެއާޕޯޓްގައި ހަރަކާތްތެރިވާނެ ކަމަށް ބުންޏެވެ.
އެއާޕޯޓުން ފުރާ އެހެން މީހުންނަށް ވެސް ޓްރެފިކް ތޮއްޖެހުމުގެ ސަބަބުން ލަސްތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމަކަށް ވާތީ، އެ ދުވަސްތަކުގައި ފުރާ މީހުން ވެސް ދުރާލައި އެއާޕޯޓަށް ގޮސް، ފުރުމުގެ އިންތިޒާމްތައް ނިންމުމަށް ފުލުހުން އިލްތިމާސްކުރި އެވެ.
ފުލުހުން ބުނީ ހައްޖުވެރިންނާ އެކު އެއާޕޯޓަށްދާ މީހުންނާއި ދަތުރުކުރާ އުޅަނދުތައް ދުއްވާ މީހުން ވެސް ފުލުހުންގެ އިރުޝާދުތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދޭ ކަމަށެވެ.
މިފަހަރު ރާއްޖެއިން ހައްޖަށް 1،000 މީހަކު ދެ އެވެ. ސަރުކާރުން ވަނީ ހައްޖުވެރިންނަށް މިފަހަރު ވަރަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދީފަ އެވެ.