ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ފަށައިފި

އާނާ ފަހީމް | 13 ގަޑިއިރު ކުރިން - 23 މޭ 2025 23:11
ރައީސް، އެކްސްޕޯގެ ސްޓޯލްތަކަށް ޒިޔާރަތް ކުރައްވަނީ /ފޮޓޯ: ރައީސް އޮފީސް
ރައީސް، އެކްސްޕޯގެ ސްޓޯލްތަކަށް ޒިޔާރަތް ކުރައްވަނީ /ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މި މައުރަޒުގައި ދިވެހިވަންތަ ޡަޤާފީ އުފެއްދުންތަކާއި، ޒަމާނީ ދިވެހި އުފެއްދުންތަކާއި، ހުނަރުވެރި ދިވެހީންގެ ސުމޭކު އުފެއްދުންތަކާއި، މުނިފޫހިފިލުވުމުގެ ދާއިރާގެ އުފެއްދުންތަކާއި ކުދި ވިޔަފާރިތަކުގެ ބައިވެރިވުން ފެނިގެންދާނެ.

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ނުވަތަ މޯލްޑިވްސް އެކްސްޕޯ 2025 މިރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި ފަށައިފިއެވެ. މި މައުރަޒު އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނެވެ.

ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން ބާއްވާ މި މައުރަޒަކީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމާއި ވިޔަފާރި ފުޅާކުރުމުގެ މަޤްޞަދުގައި އުފެއްދުންތެރިކަމަށް އަމާޒުކޮށްގެން ބާއްވާ މައުރަޒެކެވެ. މިއީ އުފެއްދުންތެރިކަމުގެ ދާއިރާއަށް އަމާޒުކޮށްގެން ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު މައުރަޒެވެ.

މި މައުރަޒުގައި ދިވެހިވަންތަ ޡަޤާފީ އުފެއްދުންތެރިކަމުގެ އިތުރުން ޒަމާނީ ދިވެހި އުފެއްދުންތަކާއި، ހުނަރުވެރި ދިވެހީންގެ އުފެއްދުންތަކާއި މުނިފޫހިފިލުވުމުގެ ދާއިރާގެ އުފެއްދުންތަކާއި ހުށަހެޅުންތައް ފެނިގެންދާނެއެވެ. އަދި މި މައުރަޒުގައި ދިވެހީންގެ ސުމޭކު އުފެއްދުންތެރިކަމާއި ހުނަރު ދައްކާލުމުގެ އިތުރުން، ދިވެހި އެންމެ ކުދި، އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ބައިވެރިވުން ފެނިގެންދާނެއެވެ.

މި މައުރަޒުގައި، ކްރިއެޓިވް އިކޮނޮމީ ޑިސްޓްރިކްޓް، ޑިޖިޓަލް އެންޑް އިނޮވޭޓިވް ޑިސްޓްރިކްޓް، އެންޓަރޓެއިންމަންޓް ޑިސްޓްރިކްޓް އަދި މާރކެޓް ޕްލޭސް ޑިސްޓްރިކްޓް ހިމެނެއެވެ. މިއިން ކޮންމެ ޑިސްޓްރިކްޓަކީ އެ ދާއިރާއަކާ ގުޅޭ އެކި ހަރަކާތްތައް ހިމަނައިގެން ވިޔަފާރިތަކުގެ ބައިވެރިވުމާއެކު ކުރިއަށްގެންދާ ޑިސްޓްރިކްޓްތަކެކެވެ.

9 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މައުރަޒުގައި 14 ކެޓެގަރީއަކުންނާއި 82 ސަބް ގިންތިއަކުން ޖުމްލަ 383 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. އެންމެ ގިނައިން ތަކެތި ބައިވެރިކޮށްފައިވަނީ އަތްތެރި މަސައްކަތުގެ ދާއިރާއިންނެވެ.

މިމަހުގެ 23 އިން 31 ގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މި މައުރަޒު ކޮންމެ ދުވަހަކުވެސް ހަވީރު 16:00 އިން ރޭގަނޑު 23:00 އާ ހަމައަށް އާންމުންނަށް ހުޅުވިފައި ހުންނާނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%