އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރު ބާވަތްތައް އިތުރުކޮށްފައިވަނީ ކުދި ވިޔަފާރިތަކާ ވާދަކުރުމުގެ މަގުސަދުގައި ނޫން ކަމަށާއި، އެއީ އެއްވެސް މެދުކެނޑުމެއް ނެތި ރައްޔިތުންނަށް އަސާސީ ތަކެތި ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ކަމަށް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން މިދިޔަ އާދިއްތަ ދުވަހުގެރޭ ބޭއްވި "އަހާ" ފޯރަމްގެ އެޕިސޯޑުގައި އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

މި ފޯރަމުގައި ވާހަކަފުޅު ދައްކަވަމުން ސައީދު ވިދާޅުވީ، ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ރާއްޖެއަށް ބޭނުންވާ އަސާސީ ކާބޯތަކެތި އެއްވެސް ދަތިކަމެއް ނެތި ރާއްޖެއިން ލިބެން ހުންނާނެ މާހައުލެއް ގާއިމުކޮށްދިނުމަށެވެ. އަދި ލިސްޓަށް ގެނެވުނު ބަދަލުތަކަކީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.