ޣައްޒާގައި މިހާރު ހިންގަމުންދާ ލާއިންސާނީ ޖަރީމާ ތަކާއި ގުޅިގެން ބަނޑަށް ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 57 މީހުން މަރުވެއްޖެ ކަމަށް ރިޕޯޓްތަކުން ދައްކައިފިއެވެ.
އދ އާއި ޙަވާލާދީ ބައިނަލްއަޤްވާމީ މަސްދަރުތަކުން މީގެ ދެދުވަސް ކުރިން ރިޕޯޓް ކޮށްފައިވާ ގޮތުގައި 48 ގަޑިއިރުތެރޭ ކާނާ ނުލިބިއްޖެނަމަ ޣައްޒާގެ 14000 ކުޑަކުދިން ބަނޑަށް މަރުވާނެއެވެ. މިހާތަނަށް މަރުވެފައިވާ މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ދާއިމީ ބަލިތަކަށް ފަރުވާ ހޯދަމުންދިޔަ މީހުންނެވެ.
އިޒްރޭލުން ސަލާމަތީ ކަންބޮޑުވުންތަކެއް ހުރިކަމަށް ބުނެ އޮޅުވާލައި، 11 ހަފުތާއަށް ޣައްޒާއަށް ކާބޯތަކެއްޗާއި، ބޭސްފަރުވާއަށް ބޭނުންވާ ތަކެއްޗާއި އަދި އެހެނިހެން އަސާސީ ތަކެތި ވެއްދުން ހުއްޓުވުމުގެ ސަބަބުން ޣައްޒާގެ ރައްޔިތުން ބަނޑަށް މަރުވަމުންދާތީވެ ބައިނަލްއަޤްވާމީ ޕްރެޝަރަށް މިހާރު ވަނީ ޣައްޒާގައި ދިރިއުޅޭ 2.4 މިލިއަން މީހުންނަށް އެހީ ފޯރުކޮށްދިނުމަށް ޓްރެކްޓަރުތައް ވައްދަން ފަށާފައެވެ.
ނުރަސްމީ ޚަބަރުތައް ބުނާ ގޮތުގައި އެހީގެ ގޮތުގައި ވެއްދުނީ އަދި ވަރަށް ވެސް މަދު ތަކެއްޗެވެ. މިއަދު ހުކުރުނަމާދުގެ ކުރިން ބީބީސީން ބުނީ ގާތްގަނޑަކަށް 100 ޓްރަކުގައި ފުށާއި، ކުޑަކުދިންނަށް ބޭނުންވާ ކާނާއާއި، ޞިއްޙީ އެހީގެ ސާމާނުތައް ހިމެނޭ ޓްރަކުތައް ޣައްޒާއަށް ވަދެފައިވާ ކަމަށެވެ.









