ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އެ އެސޯސިއޭޝަންގެ ރެފްރީސް ކޮމިޝަނަށް އައު މެންބަރުން އައްޔަންކޮށްފިއެވެ. މި ފަހަރުގެ ކޮމިޝަނުގެ ޗެއަރމަންގެ މަޤާމަށް ހުސެއިން ހަމީދު ހޮވިފައިވާއިރު، އެހެން މެންބަރުންގެ ގޮތުގައި ހަސަން ސިމާދު، މުހައްމަދު އަނީސް، ހައްވާ ރަޝީދާ އަދި އަލީ ޝާކިރު ހިމެނެއެވެ.
ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފް ވަނީ އައު ކޮމިޝަން މެންބަރުންނަށް މަރުހަބާ ކިޔައި، ކުރީގެ ކޮމިޝަން މެންބަރުންގެ ޚިދުމަތަށް ޝުކުރު އަދާކޮށްފައެވެ. އައު ކޮމިޝަނުގައި ހިމެނެނީ ރާއްޖޭގެ އަދި ބައިނަލްއަޤްވާމީ މުބާރާތްތަކުގައި މަސައްކަތްކޮށްފައިވާ ފަރާތްތަކެވެ.
ނަމަވެސް، މީގެ ކުރިން ވޮލީބޯލް އެސޯސިއޭޝަންގެ ރެފްރީންގެ ދާއިރާގައި އިސްކޮށް ހަރަކާތްތެރިވި ތަޖުރިބާކާރު ރެފްރީންކަމަށްވާ އަހުމަދު ނަޝީދު (ތުއްތުކޯ) އާއި އަހުމަދު ސަލީމް (ކުނޑި) މި ފަހަރުގެ ކޮމިޝަނުގައި ހިމެނިފައެއް ނުވެއެވެ.
ފާއިތުވި ފެބްރުއަރީ މަހު ވީއޭއެމްގެ ރައީސްކަމަށް އަލުން އިންތިޚާބުވި މުހައްމަދު ލަތީފްގެ މި ދައުރު ފެށުނީ މިދިޔަ މަހުގެ 1 ވަނަ ދުވަހުއެވެ. މިއީ އޭނާ ވީއޭއެމްގެ ރައީސްކަމުގައި ހޭދަކުރާ ތިންވަނަ ދައުރެވެ.