އެސް.އެން އާއި އެފް.އީ މައިނާ އެމް.އެން.ޔޫ.އެސް.ޔޫ ފިރިހެން ޑިވިޜަނުގެ ފައިނަލަށް

އައިޝަތު އީމާން | 36 ދުވަސް ކުރިން - 16 އޭޕްރިލް 2025 02:38
މައިނާ އެމް.އެން.ޔޫ.އެސް.ޔޫ ވޮލީބޯޅަ މުބާރާތުގެ ސެމީ ފައިނަލް މެޗުތަކުގެ ތެރެއިން. / ފޮޓޯ: ޚުލާސާ
މައިނާ އެމް.އެން.ޔޫ.އެސް.ޔޫ ވޮލީބޯޅަ މުބާރާތުގެ ސެމީ ފައިނަލް މެޗުތަކުގެ ތެރެއިން. / ފޮޓޯ: ޚުލާސާ
ޚުލާސާ

މި ދެޓީމު ފައިނަލުން ޖާގަ ހޯދީ ކުޅުނު 3 ސެޓު ވެސް ކާމިޔާބުކޮށްގެން. ފައިނަލް އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭގަނޑު 20:00 ގައި.

މައިނާ އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތް 2025 ގެ ފިރިހެން ޑިވިޜަނުގެ ފައިނަލަށް ސްކޫލް އޮފް ނާސިންގ (އެސް.އެން) އާއި ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ) ދަތުރުކޮށްފިއެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ އެސް.އެން އާއި ފެކަލްޓީ އޮފް އެންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ (ފެސްޓް)އެވެ. މެޗުގެ 3 ސެޓު ވެސް އެސް.އެން ކާމިޔާބުކޮށްފައިވަނީ 11-25، 24-26 އަދި 06-25 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދާފައިވަނީ އެސް.އެން ގެ ޖާރޒީ ނަންބަރު 12، އަލީ އާނިމް ޝާހިދު އެވެ.

އެސް.އެން އާއި ފެސްޓް ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ އަލީ އާނިމް ޝާހިދު. / ފޮޓޯ: ޚުލާސާ

ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ބައްދަލުކުރީ އެފް.އީ އާއި އެމް.އެން.ޔޫ ބިޒްނަސް ސްކޫލެވެ. މެޗުގެ 3 ސެޓު ވެސް އެފް.އީ ކާމިޔާބުކޮށްފައިވަނީ 22-25، 10-25 އަދި 19-25 އިންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދާފައިވަނީ އެފް.އީގެ ޖާރޒީ ނަންބަރު 8، އަރުޝަދު އަޝްރަފް އެވެ.

އެފް.އީ އާއި އެމް.އެން.ޔޫ.ބީ.އެސް ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ އަރުޝަދު އަޝްރަފް. / ފޮޓޯ: ޚުލާސާ

އަންނަ ހޮނިހިރު ދުވަހުގެ ރޭ 20:00 ގައި ފިރިހެން ޑިވިޜަނުގެ ފައިނަލް މެޗު އޮންނާނެ އެވެ. އަދި އަންހެން ޑިވިޜަނުގެ ފައިނަލް މެޗު އޮންނާނީ އެދަވަހުގެ ހަވީރު 16:00 ގައެވެ.

އަންހެން ޑިވިޜަނުގެ ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި ފެސްޓާއި ސްކޫލް އޮފް މެޑިސިން ބުދަ ދުވަހުގެ ރޭ ބައްދަލުކޮށްފައިވާއިރު، މި މެޗު 2-0 ސެޓުން ކާމިޔާބުކޮށްފައިވަނީ ފެސްޓުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ފެސްޓުގެ ޙައްވާ މުޒުނާއެވެ.

އަންހެން ޑިވިޜަނުގެ ސެމީ ފައިނަލް މެޗުތައް މާދަމާ ރޭ އެމް.އެން.ޔޫ ޕީއީ ހޯލުގައި ކުޅުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ ސެމީގައި ބައްދަލުކުރާނީ އެސް.އެން އާއި އެފް.އީ އެވެ. އަދި ދެވަނަ މެޗުގައި ބައްދަލުކުރާނީ އެމް.އެން.ޔޫ ބިޒްނަސް ސްކޫލާއި ސެންޓަރ ފޯރ ފައުންޑޭޝަން ސްޓަޑީޒް އެވެ.

މި އަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރަކީ މައިނާ އެވެ. މީގެ އިތުރުން ސްޕޮންސަރުންގެ ގޮތުގައި ވުޑިކޯ، އޭޕެކްސް، އޮބިއޮން އަދި ދިރާގު ހިމެނެ އެވެ. މި ފަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ޚުލާސާ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%