ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ) އިން މުޅިން އަލަށް "ޗައިނީޒް ލޭންގުއޭޖް ބޭސިކްސް" ކޯހެއް ހިލޭ ބައިވެރިވެވޭ ގޮތަށް ފަށަން ނިންމައި، އެ ކޯހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެ ޔުނިވާސިޓީން ސޯޝަލް މީޑިއާގައި އާންމުކުރި ރަސްމީ ޕޯސްޓެއްގައި ބުނެފައިވަނީ، މިއީ އަމިއްލަ ގޮތުންނާއި އިލްމީ ކުރިއެރުމަށް ދަރިވަރުންނަށް ލިބޭނެ ވަރަށް މުހިންމު ފުރުސަތެއް ކަމަށެވެ. މި ކޯހުގެ ސަބަބުން ވަކި ދާއިރާތަކުން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ޗައިނާ ބަހުގެ އަސާސީ ހުނަރުތައް ދަސްވެ، އިތުރު ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށް ޔުނިވާސިޓީން ބުނެއެވެ.

މި ކޯހުގައި ބައިވެރިވެވޭނީ އުމުރުން 16 އަހަރުން މަތީގެ ފަރާތްތަކަށް އެކަނި ކަމަށް ޤައުމީ ޔުނިވާސިޓީން މައުލޫމާތުދެއެވެ. ކޯހުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ 15 އޮގަސްޓް 2026 ވާ ހޮނިހިރު ދުވަހުގެ 23:59 އެވެ. ޔުނިވާސިޓީން އާންމުކޮށްފައިވާ ހާއްސަ ކިއުއާރް ކޯޑު ސްކޭންކޮށްގެން ފަސޭހަކަމާއެކު އޮންލައިންކޮށް ފޯމު ހުށަހެޅޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.

ޤައުމީ ޔުނިވާސިޓީން މުޅިން އަލަށް ޗައިނާ ބަސް ދަސްކޮށްދޭ ކޯހެއް ފަށަން ތައްޔާރުވަމުން އަންނައިރު، އެ މަރުކަޒުން މިހާރުވެސް ދަނީ ޖަޕާން ބަސް ދަސްކޮށްދޭ ކޯހެއް ކާމިޔާބުކަމާއެކު ހިންގަމުންނެވެ. އެމް.އެން.ޔޫ އަކީ ރާއްޖޭގެ އެންމެ މަތީ ތައުލީމީ މަރުކަޒަށް ވުމާއެކު، ދަރިވަރުންނަށް ބޭނުންވާ ތަފާތު ހުނަރުތަކާއި ބަސްބަސް ދަސްކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް އެ ޔުނިވާސިޓީން އަންނަނީ ކުރަމުންނެވެ.