ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ދަރިވަރުންނާއި މުވައްޒަފުންނަށް އަމާޒުކޮށްގެން، ހިމަބިހި ފެތުރުން ކޮންޓްރޯލްކުރުމަށް ހިންގާ ހާއްސަ ވެކްސިން ޕްރޮގްރާމެއް މިއަދު އިފްތިތާހްކޮށްފި އެވެ.
މި ޕްރޮގްރާމަކީ މިނިސްޓްރީ އޮފް ހެލްތާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާ ގުޅިގެން، "މީސެލްސް އައުޓްބްރޭކް ރެސްޕޮންސް އިމިއުނައިޒޭޝަން ޕްރޮގްރާމް" ގެ ނަމުގައި އެމްއެންޔޫއިން އިސްނަގައިގެން ކުރިއަށްގެންދާ ހަރަކާތެކެވެ. މި ޕްރޮގްރާމް އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސިއްހީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ރަފީގު ހަސަނެވެ. މި ރަސްމިއްޔާތުގައި އެމްއެންޔޫގެ ޗާންސެލާ ޑރ.މަހްމޫދު ޝައުގީ އާއި، ވައިސް ޗާންސެލާ ޑރ.އައިޝަތު ޝެހެނާޒް އާދަމްގެ އިތުރުން އެޗްޕީއޭގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރު މުހައްމަދު ރަފީގު ހަސަން ވިދާޅުވީ، މިވަގުތު މި ބަލި ފެތުރެމުންދާ މީހުންގެ ތެރޭގައި ގިނައީ އުމުރުން 15 އަހަރާއި 30 އަހަރާ ދެމެދުގެ މީހުން ކަމަށެވެ. އަދި ހިމަބިއްސަކީ ހަލުވިކަމާއެކު ފެތުރޭ ބައްޔެއް ނަމަވެސް، ވެކްސިން ޖެހުމުގެ ސަބަބުން މި ބަލިން ފަސޭހަކަމާއެކު ރައްކާތެރިވެވިދާނެކަން ސްޓޭޓް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމުން ބަލިޖެހުމުގެ ފުރުސަތު %97 ކުޑަވޭ. އަދި ބަލި ޖެހުނު ކަމުގައި ވިޔަސް ބަލީގެ ނުރައްކާ ވަރަށް ބޮޑަށް ކުޑަވެގެންދޭ. މިހާތަނަށް މި ބަލި ކޮންޓްރޯލް ކުރުމަށް ކުރެވުނު މަސައްކަތުގެ ދަށުން 4,468 މީހުންނަށް ވެކްސިން ދީފައިވޭ،" ސްޓޭޓް މިނިސްޓަރު ވިދާޅުވި އެވެ.
އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ، މިއީ ހިމަބިހި ފެތުރުން ހުއްޓުވުމަށް ސަރުކާރުން ކުރާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ. އަދި މިއީ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ދުޅަހެޔޮ ސިއްހަތާއި މުޖުތަމައުގެ ލާބަ ހާސިލުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަން ފާހަގަކުރެއްވި އެވެ. ޑރ. ޝެހެނާޒް ވަނީ ވެކްސިން ދިނުމަށް ހަމަޖެހިފައިވާ އުމުރުފުރާތަކުގެ ދަރިވަރުން ވެކްސިން ފުރިހަމަކުރުމަށް އިލްތިމާސްކުރައްވާފަ އެވެ.
އެމްއެންޔޫއިން ބުނިގޮތުގައި، ޔުނިވާސިޓީގެ ފުރަތަމަ ސެމިސްޓަރގެ ކިޔެވުން ނިމުމަކާ ގާތްވެފައިވުމުން، އަތޮޅުތެރޭގެ ކެމްޕަސްތަކުގައި މި ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 ގެ ފަހުންނެވެ. ނަމަވެސް މި މުއްދަތުގެ ތެރޭގައި މާލޭގެ ކެމްޕަސްތަކުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށްދާނެ އެވެ.
ދިވެހިރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ޤައުމެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް ނަމަވެސް، މިއަހަރުގެ މޭމަހުން ފެށިގެން މި ބަލީގެ ކޭސްތައް ފެންނަ މިންވަރު ވަނީ އިތުރުވެފަ އެވެ. މިކަމާ ގުޅިގެން އެޗްޕީއޭއިން ދަނީ އާންމުން ހޭލުންތެރިކުރުމަށާއި، އާންމުކޮށް ހުޅުވާލައިގެން ވެކްސިން ޖެހުމުގެ ފުޅާ މަސައްކަތްތަކެއް ކުރަމުންނެވެ.









