ބެޗްލާސް ޑިގްރީ އިން ފިޝަރީޒް އެންޑް އެކުއާކަލްޗާ ކޯހުގެ ގެ މަންހަޖު އެކުލަވާލުމަށް ފިޝަރީޒް މިނިސްޓްރީއާ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ އާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ފިޝަރީޒް މިނިސްޓްރީގަ އެވެ. އެ މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އީނާސް ނަސީރު، ޑައިރެކްޓަރ، ފައިނޭންސް އަދި އެމްއެންޔޫގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. އައިޝަތު ޝެހެނާޒް އާދަމެވެ.
މި އެއްބަސްވުމަކީ ވޯލްޑް ބޭންކުގެ ލޯނު އަދި ހިލޭ އެހީގެ ދަށުން ހިންގާ ޓްރާންސްފޯމިން ފިޝަރީޒް ސެކްޓާ މެނޭޖްމަންޓް އިން ދަ ސައުތު-ވެސްޓް އިންޑިއަން އޯޝަން ރީޖަން އަދި މޯލްޑިވްސް ޕްރޮޖެކްޓް (ޓްރާންސްފޯމް ޕްރޮޖެކްޓް)ގެ ދަށުން ކުރިޔަށްގެންދާ ޕްރޮގްރާމެކެވެ. މި މަޝްރޫއުގެ ދަށުން މީގެ ކުރިން ވަނީ މަސްވެރިކަމާއި، މެރިކަލްޗާ، އަކުއަކަލްޗާ އަދި ދަނޑުވެރިކަމާ ގުޅޭ އެކި ދާއިރާތަކުން ރާއްޖެއިން ބޭރުގައި ކިޔެވުމަށް 17 ދިވެހި ދަރިވަރުންނަށް ސްކޮލާޝިޕް ދީފަ އެވެ.
މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ ފިޝަރީޒް އެންޑް އެކުއާކަލްޗާގެ ދާއިރާއިން އެއް އަހަރު ދުވަހުގެ ފައުންޑޭޝަން ޕްރޮގްރާމަކުންނެވެ. އޭގެ ފަހުން، ޑިޕްލޮމާ އަދި ބެޗްލާސް ޑިގްރީ ފުރިހަމަކުރެވޭނެ އެވެ. މި ކޯހަކީ ކްލާސްރޫމް ތައުލީމާއި އަމަލީ ތަޖުރިބާ އެކުލެވޭ ފުލްޓައިމް ކޯހެކެވެ. ފައުންޑޭޝަން އަދި ޑިޕްލޮމާ ފެންވަރުގައި، ދަރިވަރުން ކިޔަވާނީ މައިގަނޑު "ކޯ" މޮޑިއުލްތަކެވެ. އެޑްވާންސްޑް ޑިޕްލޮމާ ފެންވަރުން ފެށިގެން މަތިން، ދަރިވަރުންނަށް އިހްތިޔާރީ މާއްދާތައް ހިޔާރުކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
މި ޕްރޮގްރާމްގައި ފިޝަރީޒް ސައިންސް އަދި އެކުއާކަލްޗާގެ ދާއިރާއިން ހާއްސަވުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އަދި ކޮންމެ ޕްރޮގްރާމެއް ނިމުމުން ދަރިވަރުންނަށް ޕްރޮގްރާމުން ވަކިވެ، ފުރިހަމަކޮށްފައިވާ ލެވެލްއަށް ސެޓްފިކެޓް ލިބުމުގެ އިހްތިޔާރުވެސް އޮންނާނެ އެވެ.
މި އެއްބަސްވުމުގެ ދަށުން އެމްއެންޔޫއިން މި ޕްރޮގްރާމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ފުރިހަމަ މަންހަޖާއި ކޯސް މެޓީރިއަލްތައް ތައްޔާރުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ ތެރޭގައި ފިޝަރީޒް ސައިންސް، އެކުއާކަލްޗާ، ރިސޯސް މެނޭޖްމަންޓް، ކްލައިމެޓް ރެޒިލިއަންސް އަދި ސަސްޓެއިނަބިލިޓީ ފަދަ މޮޑިއުލްތައް ހިމެނެ އެވެ.
މި މަސައްކަތް ނިންމުމަށް ކަނޑައެޅިފައިވާ މުއްދަތަކީ އެއްބަސްވުމުގައި ސޮއިކުރާ ތާރީހުން ފެށިގެން 43 މަހެވެ. މި ކޯހުގެ މަންހަޖު ތައްޔާރުކޮށް ނިމުމުން، ކޯސް ހިންގުމަށް ވެސް ހަމަޖެހިފައިވަނީ އެމްއެންޔޫއިންނެވެ. މި ކޯހުގައި ޓްރާންސްފޯމް މަޝްރޫއުގެ ސްޕޮންސާޝިޕްގެ ދަށުން ކިޔެވުމުގެ ފުރުސަތު ރާއްޖެ އަދި ސައުތުވެސްޓް އިންޑިއަން އޯޝަން ރީޖަންގެ ގައުމުތަކުގެ ދަރިވަރުންނަށް ހުޅުވިގެންދާނެ އެވެ.