ރާއްޖޭގެ ވޮލީބޯޅައިގެ ކުރިއަށް އޮތް 10 އަހަރު ދުވަހުގެ މާސްޓަރ ޕްލޭން ތައްޔާރުކުރުމަށް ޖަޕާނުގެ ތަޖުރިބާކާރު ކޯޗެއް މި މަހުގެ 27 ވަނަ ދުވަހު ރާއްޖެ އަންނާނެ ކަމަށް ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ބުނެފިއެވެ.
ވީއޭއެމްގެ ރައީސް މުޙައްމަދު ލަޠީފް ވިދާޅުވި ގޮތުގައި، މި ކޯޗު ރާއްޖޭގައި ހުންނާނީ މެއި 27 އިން 25 ޖޫންއަށެވެ. މި މުއްދަތުގައި ވޮލީބޯޅައިގެ ކަމާގުޅޭ ފަރާތްތަކާއެކު މަޝްވަރާތައް ބާއްވައި، ޚިޔާލު ބަދަލުކުރުންތައް ކުރިއަށް ގެންދާނެއެވެ.
ރާއްޖޭގެ ވޮލީބޯޅައިގެ ދިގު ރާސްތާ ޕްލޭން އެކުލަވާލުމުގައި ވޮލީބޯޅަ ކޮމިއުނިޓީގެ ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން ބޭނުންވާ ކަމަށާއި، އެންމެންގެ އެއްބާރުލުން ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވީއޭއެމްގެ ރައީސް ވިދާޅުވިއެވެ.
މިއަހަރު ބައިނަލްއަޤްވާމީ މުބާރާތްތަކުން މެޑަލް ހޯދުމަކީ ވީއޭއެމްގެ އަމާޒެކެވެ. އެގޮތުން އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އާއި ސާފް ގޭމްސްގައި ރާއްޖޭގެ ޤައުމީ ވޮލީ ޓީމުތަކުން މެޑަލް ހޯދުމަށް އަމާޒު ކަނޑައަޅައިގެން ޓީމު ތައްޔާރުކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދެއެވެ.
23 އަހަރުން ދަށުގެ ފިރިހެން ވޮލީ ޓީމު ތައްޔާރުކުރުމަށް އީރާނުގެ ތަޖުރިބާކާރު ކޯޗަކާއެކު މަސައްކަތްތަކެއް ކޮށްފައިވާއިރު، އެ ކޯޗު މިހާރު ވަނީ ރާއްޖެއިން ފުރާފައެވެ.
ވޮލީގެ މާސްޓަރ ޕްލޭން އެކުލަވާލާނީ ދިރާސާތަކާއެކު އެކި އުމުރުފުރާތަކުގެ ކުދިންނަށް ހާސިލްވާން ޖެހޭ މިންވަރުތައް ކަނޑައަޅައި، އެ ކުދިންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި ކެއިންބުއިމާއި ނިދުން ހުންނަންޖެހޭ ގޮތްތަކުގެ މަޢުލޫމާތާއި އިރުޝާދުވެސް ހިމަނައިގެން ކަމަށް ވީއޭއެމްގެ ރައީސް ވިދާޅުވިއެވެ.