ޖަޕާނުގެ ދެކުނުގެ ސަރަހައްދެއް ކަމަށްވާ ކުމަމޯޓޯ ޕްރިފެކްޗަރަށް އިއްޔެ އައި ބާރުގަދަ ބިންހެލުމުގައި މިހާތަނަށް 13 މީހުން މަރުވެ، 400 އެއްހާ މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިއްޖެއެވެ. މެގްނިޓިއުޑް 7.1 ގެ ބާރުމިނުގައި އައި މި ބިންހެލުން ރެކޯޑުކުރެވިފައި ވަނީ ޖަޕާނުގެ ސީސްމިކް އިންޓެންސިޓީ ސްކޭލްގެ އެންމެ މަތީ ދަރަޖަ ކަމަށްވާ "7" ގައެވެ. މި ހާދިސާގައި ބައެއް ބޮޑެތި އިމާރާތްތަކާއި ފެކްޓަރީތައް ވެއްޓި، އެތައް ބަޔަކު ވެއްޓިފައިވާ ޢިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާއިރު، އަދިވެސް 24 އަށްވުރެ ގިނަ މީހުން ވީނުވީއެއް ނޭނގި ވަނީ ގެއްލިފައެވެ.
މި ކާރިސާގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ކުމަމޯޓޯގައި ހުންނަ ބޮޑު މޯލަކަށާއި ޔަޓްސުޝީރޯ ސިޓީގައި ހުންނަ ކަރުދާސް ކާރުޚާނާއަކަށެވެ. މޯލްގެ ބައެއް ބައިތައް ފުނޑުފުނޑުވެގެން ވެއްޓުމުގެ ސަބަބުން އެތަނުން ބައެއް މީހުން މަރުވެފައިވާއިރު، ކާރުޚާނާގެ ބޮޑު ދުންހޮޅި ވެއްޓި އެތައް މަސައްކަތްތެރިންނެއް ވަނީ ދަށުވެފައެވެ. ބިންހެލުމާއި އެކު އެ ސަރަހައްދުގެ ގިނަ ގެތަކެއްގެ ފުރާޅުތައް ވެއްޓި، މަގުތައް ކަނޑައިގެން ގޮސް، ފެނާއި ކަރަންޓުގެ ޚިދުމަތް ވަނީ މުޅިން ކެނޑިފައެވެ. މީގެ އިތުރުން ބިންހެލުމާ ގުޅިގެން ރޭލު ދަތުރުތަކާއި ފްލައިޓްތައް ވެސް ވަނީ މެދުކަނޑާލަން ޖެހިފައެވެ.
މި ބިންހެލުމުގެ ސަބަބުން ގެދޮރު ގެއްލުނު އެތައް ހާސް ބަޔަކު މިހާރު ވަނީ ރައްކާތެރި ހިޔާވަހިކަންދޭ ކޭމްޕުތަކަށް ބަދަލުކުރަން ފަށާފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.









