ޖަޕާނުގެ ދެކުނުގެ ކުމަމޯޓޯ ސަރަހައްދަށް މިއަދު އައި 7.1 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމާ ގުޅިގެން ކުމަމޯޓޯގެ ކާޝިމާގައި ހުންނަ މަޝްހޫރު "އިއޮން މޯލް"ގެ ދެވަނަ ބުރި ވެއްޓި، އެތަނުގައި ހިނގި ގޮވުމަކާއި ގުޅިގެން ގިނަ ބަޔަކު މޯލްގެ އެތެރޭގައި ތާށިވެއްޖެއެވެ.
ޖަޕާން ފުލުހުންނާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ހާދިސާގައި ބައެއް މީހުން މަރުވެފައިވާ ކަމަށް ބެލެވޭއިރު، 25 އާއި 35 އާ ދެމެދުގެ އަދަދަކަށް މީހުން ގެއްލިގެން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި ބިންހެލުމުގެ ސަބަބުން މިހާތަނަށް 50 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާތައް ވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ބިންހެލުމުގެ ސަބަބުން ކުމަމޯޓޯ ސަރަހައްދުގެ އާންމު ދިރިއުޅުމަށް ބޮޑެތި ބުރޫތަކެއް އަރާފައިވާއިރު، މަދުވެގެން 12 ގެއެއް މުޅިން ވެއްޓި، ގިނަ އަދަދެއްގެ އިމާރާތްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. އަދި ތާރީހީ ކުމަމޯޓޯ ކާސަލްގެ ބައެއް ހިލަ ފާރުތައް ވެއްޓިފައިވާއިރު، ސަރަހައްދުގެ މައިގަނޑު މަގުތަކާއި ބްރިޖްތައް ހަލާކުވެ، މުދާ އުފުލާ ރޭލެއްވެސް ވަނީ ދަގަނޑުން ކަސާލާފައެވެ. މީގެ އިތުރުން، ބިންހެލުމުގެ ސަބަބުން ސަރަހައްދުގެ 40,000 އަށްވުރެ ގިނަ ގޭބިސީން ވަނީ މ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައެވެ.
މި ހާދިސާއާ ގުޅިގެން ޖަޕާނުގެ މީޓިއޮރޮލޮޖިކަލް އެޖެންސީން ފުރަތަމަ ސުނާމީގެ އިންޒާރެއް ނެރުނު ނަމަވެސް، ފަހުން އެ އިންޒާރު ވަނީ ކެންސަލް ކޮށްފައެވެ.
ޖަޕާނުގެ ސަރުކާރުން މިހާރު ދަނީ މޯލްގެ ތެރޭގައާއި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުން ސަލާމަތްކުރުމަށްޓަކައި ކުއްލި ހާލަތުގެ ބޮޑު އޮޕަރޭޝނެއް ހިންގަމުންނެވެ. އަދި ގެއްލުންވި ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ރައްކާތެރި ހިސާބުތަކަށް ބަދަލުވުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިރުޝާދު ދެމުންނެވެ.









