ހައްޖުމަހުގެ ފުރަތަމަ 10 ދުވަހަކީ ދުނިޔޭގައި ލައްވާފައިވާ އެންމެ މާތް ދުވަސްތައް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
ހުތުބާގައި ބުނީ اللهُ تَعَالَىގެ ޙަޟުރަތުގައި އެންމެ ލޮބުވެތިވެގެންވާ މައްސަރުތަކަކީ ހުރުމަތްތެރިވެގެންވާ މައްސަރުތަކެއް ކަމަށާއި، އެ މައްސަރުތަކުގެ ތެރެއިން އެންމެ ލޮބުވެތިކަން ބޮޑު މައްސަރަކީ ހައްޖު މަސް ކަމަށެވެ. އަދި ހައްޖު މަހުގެ އެންމެ މާތް ދުވަސްތަކަކަކީ އެ މަހުގެ ފުރަތަމަ ދިހަ ދުވަސް ކަމަށް ހުތުބާގައި ބުންޏެވެ.
މި ދުވަސްތަކުގައި ކުރެވޭން އޮތް ސާލިހު އަމަލުތަކުގެ ތެރޭގައި ރޯދަހިފުން ހިމެނޭ ކަމަށް ހުތުބާގައި ބުންޏެވެ. އެގޮތުން މާތް اللهއަށް ތަގުވާވެރިވެ، މި ދުވަސްތަކުގައި ހެޔޮ އަމަލުތައްކުރުން ގިނަ ކުރުމަށް ހުތުބާގައި ގޮވާލިއެވެ. އަދި އަމަލުތަކުގެ ތެރޭގައި އެންމެ ބަރަކާތް އިތުރު އަމަލަކީ މާތް اللهއަށް ކިޔަމަންތެރިވުމުގެ ގޮތުން ކުރާ އަމަލުތައްކަން ހުތުބާގައި ފާހަގަކުރިއެވެ.
ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަމުގެ ތެރޭގައި، މާތް الله މި މަތިވެރި އިސްލާމްދީން ފުރިހަމަކޮށްދެއްވުން ވާކަމަށް ހުތުބާގައި ބުންޏެވެ. މި ދީން ފުރިހަމަވުމުގެ ސަބަބުން މި ދީނުގެ އަހުލުވެރިންނަށް ފުރިހަމަކަން ލިބޭ ކަމަށާއި، އެ މީހުން ކުރާ އަމަލުތަކަށް ފުރިހަމައަށް ސަވާބު ލިބޭކަމަށް ހުތުބާގައި ބުންޏެވެ. އަދި އެމީހުންގެ ހަޔާތް އަމާންކަމާއި، ރައްކާތެރިކަން ލިބިފައިވާ ހެޔޮލަފާ ހަޔާތަކަށްވެ، އެ މީހުންގެ ސުލޫކާއި އަހުލާގު ރިވެތި ސުލޫކުކަމުގައިވާ ކަމަށް ހުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނީ އިސްލާމްދީން ފުރިހަމަވުމުގެ ސަބަބުން މުސްލިމުންނަށް އެންމެ ސީދާ ތެދުމަގު އެނގި، އެ މަގަށް ތަބާވެގެން ތިބުމުގެ ނަސީބު ލިބޭ ކަމަށެވެ.
މީގެ އިތުރުން މި ދުވަސްތަކުގެ މާތްކަމުގެ ތެރޭގައި މާތް اللهގެ ނިއުމަތް މުސްލިމުންގެ މައްޗަށް ފުރިހަމަކޮށްދެއްވުންވާ ކަމަށާއި، މި ކަމާއި ވިދިގެން މީސްތަކުން މި ދީނަށް ބައިބަޔަށް ވަންނަން ފެށި ކަމަށް ހުތުބާގައި ބުންޏެވެ.
މި ދިހަ ދުވަހު ކުރުން އިތުރުވެގެންވާ ހެޔޮ އަމަލުތަކުގެ ތެރޭގައި މާތް اللهއަށް ޒިކުރުކުރުން ހިމެނޭ ކަމަށާއި، اللهُ تَعَالَىގެ ހަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑު އަމަލަކީ ޒިކުރުކުރުން ކަމަށް ހުތުބާގައި ބުންޏެވެ.
ޒިކުރުކުރާ މީހާ، ކުފުރުގެ ނުބައި އަނދަވަޅަށް ވެއްޓުމުންނާއި، ޝައިޠާނާގެ މަޅީގައި ޖެހުމުންނާއި، ނަރަކައިގެ ގިންޏާއި ހިލަތަކުގެހޫނުން ރައްކާތެރިކޮށްދޭނެ ކަމަށް ހުތުބާގައި ބުންޏެވެ. އަދި މާތް اللهއަށް ޒިކުރުކުރާ މީހާގެ މައްޗަށް މާތް اللهގެ ރަހުމަތާއި މަލާއިކަތުންގެ ހެޔޮ ދުއާ ލިބިގެންވާނެ ކަމަށާއި، މާތް الله ފަރުޟުކުރެއްވި އެންމެހައި އަޅުކަންތަކާއި ޒިކުރުކުރުމާ ދެމެދުގައި ހަރުދަނާ ގުޅުމެއްވާކަން ހުތުބާގައި ފާހަގަކުރިއެވެ.