ރޭ، އެމެރިކާގެ ވެރިރަށް ވޮޝިންގްޓަން ޑީ.ސީގައި ހުންނަ ކެޕިޓަލް ޖުވިޝް މިއުޒިއަމްގެ ކުރިމަތީގައި އިސްރާއީލީ އެމްބަސީގެ މުވައްޒަފުންގެ ދެމީހަކު މަރާލައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ އެމެރިކަން ޖުވިޝް ކޮމިޓީން އިންތިޒާމްކޮށްގެން ބޭއްވި ޑިޕްލޮމެޓިކް އިވެންޓެއް ނިމުނުތަނާއެވެ.
ޣައްޒާ މައްސަލައިގައި އެމެރިކާގައި އިސްރާއީލާއި ގުޅުން އޮންނަ ފަރާތްތަކަށް ދޭތެރެދޭތެރެއިން ފަހަކަށް އައިސް ހަމަލާތައް ދެއެވެ. ރޭގެ ހާދިސާ އާއި ގުޅިގެން ޝިކާގޯއަށް ނިސްބަތްވާ 30 އަހަރުގެ މީހަކު މިހާރު ވަނީ ހައްޔަރުކޮށްފައި ކަމަށް ހަބަރުތައް ބުނެއެވެ. އޭނާ ހައްޔަރުކުރި ވަގުތު "ފްރީ، ފްރީ ޕެލެސްޓައިން" ކިޔާ ހަޅޭއްލަވާފައިވާ ކަމަށް ވެސް ހަބަރުތައް ބުނެއެވެ.
މި މައްސަލަ އެފްބީއައި އިން ތަހުގީގު ކުރަމުން ދާއިރު، އިސްރާއީލް ސަރުކާރާއި އެމެރިކާގެ އިސްވެރިން ވަނީ މި ހަމަލާ ކުށްވެރިކޮށް، މިއީ ޑިޕްލޮމެޓިކް ބޭފުޅުންނަށް ދެވުނު ނުރައްކާތެރި ހަމަލާއެއް ކަމުގައި ބުނެފައެވެ.
އިސްރާއީލުން މިހާރު ވެސް ދަނީ މެދުކެނޑުމެއް ނެތި ކޮންމެ ދުވަހަކު ފަލަސްތީނުގެ ޢާންމުން ޝަހީދު ކުރަމުންނެވެ. މިކަމާއި ގުޅިގެން މިހާތަނަށް އިސްރާއީލުގެ ސިފައިންނަށް އެމެރިކާއަކުން ދައްޗެއް ނުކުރެއެވެ.