ޣައްޒާގެ ސިއްޙީ ނިޒާމަށް ދެމުންދާ ޙަމަލާތައް ވަގުތުން ހުއްޓާލުމަށް ރާއްޖެއިން ގޮވާލައިފި

އަައިޝަތު ޒީނާ | 9 ގަޑިއިރު ކުރިން - 22 މޭ 2025 10:02
ވޯލްޑް ހެލްތު އެސެމްބްލީ"ގައި ފަލަސްތީނާއި ގުޅޭ އިންޓަވެންޝަންގައި ޞިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޛިމް އިބްރާހީމް ވާހަކަދައްކަވަނީ. / ފޮޓޯ: ވުޒާރާ
ވޯލްޑް ހެލްތު އެސެމްބްލީ"ގައި ފަލަސްތީނާއި ގުޅޭ އިންޓަވެންޝަންގައި ޞިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޛިމް އިބްރާހީމް ވާހަކަދައްކަވަނީ. / ފޮޓޯ: ވުޒާރާ
ޚުލާސާ

ޞިއްޙަތާ ބެހޭ ވަޒީރު ނާޛިމް ވިދާޅުވީ ކޮންމެ ޤައުމަކަށް އަދި ކޮންމެ ނަސްލަކަށް ނިސްބަތް ވީނަމަވެސް އިންސާނީ ޙައްޤުތައް ކަށަވަރުވާން ޖެހޭކަމަށް.

ޣައްޒާގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނާއި ޞިއްޙީ އެހީތެރިންނަށް އަމާޒުކޮށް ދެމުންދާ ލާއިންސާނީ ޙަމަލާތައް ވަގުތުން ހުއްޓާލުމަށް ރާއްޖެއިން ގޮވާލައިފިއެވެ.

ދުނިޔޭގެ ޞިއްޙަތާއި ބެހޭ އެންމެ ބޮޑު ބައްދަލުވުން ކަމަށްވާ 78 ވަނަ "ވޯލްޑް ހެލްތު އެސެމްބްލީ"ގައި ފަލަސްތީނާއި ގުޅޭ އިންޓަވެންޝަންގައި ޞިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޛިމް އިބްރާހީމް ވަނީ ޣައްޒާގެ ރައްޔިތުންނަށް ބައިނަލްއަޤުވާމީ ޤާނޫނުތަކުން ލިބިދޭ ޙިމާޔަތާއި ރައްކާތެރިކަން އެ ރައްޔިތުންނަށް ކަށަވަރުވަމުން ނުދާކަމަށް ވިދާޅުވެ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ޞިއްޙީ ނިޒާމު ސުންނާފަތިކޮށްލައި، އެތައް ހާސްބައެއްގެ ގެދޮރު ނެތިކޮށްލައި، ޞިއްޙީ ފަރުވާދޭ ތަންތަނަށާއި، ޞިއްޙީ އެހީތެރިންނަށް އަމާޒުކޮށްދެމުންދާ ހަމަލާތަކާއި، އިންސާނީ އެހީ ފޯރުކޮށްދިނުމަށް އަޅަމުންދާ ހުރަސްތަކާއިމެދު ރާއްޖެއިން ކަންބޮޑުވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިކަންކަމުގެ ނަތީޖާއެއްގެ ގޮތުން ދިރިހުރުމަށް ބޭނުންވާ އެންމެ އަސާސީ ޙައްޤުތަކުން ޣައްޒާގެ ރައްޔިތުން މަހުރޫމްވެފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އިސްރާއީލުން ޣައްޒާގެ ނަސްލު ނައްތާލުމަށް ދެމުންދާ ޙަމަލާތައް އެންމެ ހަރުކަށި ޢިބާރާތުން ވަޒީރު ކުށްވެރި ކުރެއްވިއެވެ. އަދި ވަގުތުން ވަގުތަށް އިންސާނީ އެހީ ފޯރުކޮށްދެވޭނެ މަގު ފަހިކޮށް، ކާބޯތަކެއްޗާއި ތެލާއި، މެޑިކަލް ސަޕްލައި އެތެރެކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސް ވަނީ ގޮވާލައްވާފައެވެ. އޭގެތެރޭގައި ނަފްސާނީ އެހީތެރިކަމާއި، ކުޑަކުދިންގެ ޞިއްޙަތާއި ގުޅުންހުރި މުހިންމު ކަންކަމާއި، ބަލިތަކުން ރައްކާތެރިވުމަށް ވެކްސިން ދެވޭނެ މަގުފަހިކުރުން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވަޒީރުގެ ތަޤްރީރުގައި ވަނީ ޣައްޒާއަށް ދެމުންދާ ޙަމަލާތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަޤުވާމީ ޖަމްޢިއްޔާތަކާއި އދ.ގެ މެމްބަރު ޤައުމުތަކަށް ގޮވާލައްވާފައެވެ.

ވަޒީރު ވިދާޅުވީ ކޮންމެ ޤައުމަކަށް އަދި ކޮންމެ ނަސްލަކަށް ނިސްބަތް ވީނަމަވެސް އިންސާނީ ޙައްޤުތައް ކަށަވަރުވާން ޖެހޭކަމަށެވެ. އަދި ރާއްޖެއިން މިމައްސަލައިގައި ސާބިތުކަމާއެކު ކުރެވެން އޮތް ހުރިހާކަމެއް ކުރުމުގައި ދެމި ތިބޭނެކަމުގެ ޔަގީންކަންވެސް ވަޒީރު ވަނީ ދެއްވާފައެވެ. އަދި ދިވެހީން އަބަދުވެސް ފަލަސްޠީނާއެކު ތިބިކަންވެސް ވަޒީރު ވަނީ ތަކުރާރުކުރައްވާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%