މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ އެތެރޭގެ ހަމަނުޖެހުން އިތުރުވެ، އެ އިދާރާގެ އައިޓީ އޮފިސަރު އަހުމަދު ފަޒީލް މިއަދުން ފެށިގެން ހަތް ދުވަހުގެ މުއްދަތަށް ސަސްޕެންޑުކޮށްފިއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މަޢުލޫމާތުގައި ބުނެފައިވަނީ، ބްރޯޑްކޮމްގެ ރިކުއެސްޓަކަށް އެ ތަނުގެ ސާވަރަށް ދިމާވި މައްސަލައެއް ހައްލުކުރުމަށް ފުލުހުންގެ ޑިޖިޓަލް ޑާޓާ ޓެކްނީޝަނުން އެހީތެރިކަން ފޯރުކޮށްދިން ކަމަށެވެ. އެހެންނަމަވެސް، ފަޒީލް ތުހުމަތުކުރި ގޮތުގައި ފުލުހުން އެ ތަނަށް ދިޔައީ ފޮރެންސިކް ތަޙުޤީޤަކަށެވެ. ފުލުހުން މި ތުހުމަތު ދޮގުކޮށްފައިވެއެވެ.
މީގެ އިތުރުން، ބްރޯޑްކޮމްގެ ސެކްރެޓަރީ ޖެނެރަލް މަރިޔަމް ޒީނިޔާ ވެސް މިދިޔަ އަންގާރަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ވަނީ ސަސްޕެންޑުކޮށްފައެވެ. އޭނާ ސަސްޕެންޑުކުރި ސަބަބަކީ މަސައްކަތްތަކަށް ހުރަސް އެޅޭ ގޮތަށް ޢަމަލުކުރައްވައި، ނިންމުންތައް ތަންފީޒު ކުރުމުގައި އެއްބާރުލުން ނުދެއްވާ ކަމަށް ބުނެއެވެ.
މި ހާދިސާތަކާއި ގުޅިގެން، ބްރޯޑްކޮމްގެ ގިނަ އަދަދެއްގެ މުވައްޒަފުން އިއްޔެ މަސައްކަތް ހުއްޓާލައި ގެއަށް ގޮސް، ބްރޯޑްކޮމްއާ ދެކޮޅަށް އަޑު އުފުލާފައިވެއެވެ.