ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، "މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން" ގެ މެންބަރުކަމަށް މ.ހާވިލާ، މޫސާ ރިޟްވާން އިއްޔެ ޢައްޔަންކުރައްވައިފިއެވެ.
މޫސާ ރިޟްވާން މި މަޤާމަށް ޢައްޔަންކުރައްވާފައިވަނީ، ޤާނޫނު ނަންބަރު 16/2010 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ (ހ)ގައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅުއްވައި، މަޖިލީހުގެ ރުހުން ލިބިވަޑައިގަތުމުންނެވެ.
އެ މަޤާމަށް ރިޟްވާން ޢައްޔަންކުރުމަށް މި މަހުގެ 13 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 70 މެންބަރުންގެ އިއްތިފާގުންނެވެ.
ރިޟްވާން ވަނީ 2016ވަނަ އަހަރު ޕޮލިޓިކަލް ސައިންސް އަދި އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން ބެޗެލަރސް ޙާޞިލްކުރައްވާފައެވެ. އަދި މީޑިޔާ އާއި މީޑިޔާ ހިންގުމުގައި 2009 ވަނަ އަހަރުން ފެށިގެން ޢަމަލީ ގޮތުން ހަރަކާތްތެރިވެވަޑައިގެންފައިވެއެވެ.
މީގެ އިތުރުން، ބައިނަލްއަޤްވާމީ އިދާރާތަކާއި ސަރުކާރުގެ ވުޒާރާތައް ގުޅިގެން މުޅި ރާއްޖޭގައި ހިންގި ފެންނާރު މަޝްރޫޢާއި މޯލްޑިވްސް އަރބަން ޑިވެލޮޕްމަންޓް އެންޑް ރެޒިލިއެންސް ޕްރޮޖެކްޓް، އަދި، ސްޓްރެންތެނިންގ ލޯ-ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް (އެލް.ސީ.އީ.އައި) މަޝްރޫޢުގައި ޢަމަލީ ދައުރެއް ރިޟްވާން ވަނީ އަދާކުރައްވާފައެވެ.