Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މީޑިއާ ބިލާއެކު މިނިވަން ނޫސްވެރިކަމަށް އޮތް ފުރުސަތުތައް ހަނިވަނީ ހެއްޔެވެ؟

މީޑިއާ ބިލާއެކު މިނިވަން ނޫސްވެރިކަމަށް އޮތް ފުރުސަތުތައް ހަނިވަނީ ހެއްޔެވެ؟

މުޙައްމަދު ޖިނާން ހުސައިން ޖަބީން
338 ދުވަސް ކުރިން - 22 އޯގަސްޓް 2025 08:53
ނޫސްވެރިންތަކެއް އިހުތިޖާޖުކުރަނީ: ފޮޓޯ/ ދިޔަރެސް---
ނޫސްވެރިންތަކެއް އިހުތިޖާޖުކުރަނީ: ފޮޓޯ/ ދިޔަރެސް---
ޚުލާސާ

މިބިލާއެކު ގިނަ އަދަދެއްގެ ނޫސްވެރިންތަކެއް ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައި. ބިލު ދިރާސާކޮށްލުމުން ފެންނަނީ ރާއްޖޭގެ ބޮއްސުންލައިގެން ގޮސްފައިވާ ނޫސްވެރިކަމުގެ ދާއިރާއަށް މިވަގުތަށް ބޭނުންތެރި އެތައްކަމެއް.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލާއެކު މިނިވަން ނޫސްވެރިކަމަށް އޮތް ފުރުސަތުތައް ހަނިވަނީ ހެއްޔެވެ؟ މިއީ މިއަދު ނޫސްވެރިންގެ ހިތްތަކުގައި އުފެދިފައިވާ ވަރަށް ކުޑަ އެހެންނަމަވެސް މާނަ ފުން ސުވާލެކެވެ. މި ސުވާލުތަށް ނޫސްވެރިންގެ ހިތްތަކުގައި އުފެދުނީ ސަބަބުތަކެއް ނެތިއެއްވެސް ނޫނެވެ.

ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން އަބޫބަކުރު، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ނަމުގައި މިހާރު މަޖިލީހަށް ހުށަހަޅުއްވާފައިވާ މިބިލާއެކު ގިނަ އަދަދެއްގެ ނޫސްވެރިންތަކެއް ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެއްބަޔަކު ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުން ދާއިރު އަނެއްބަޔަކު މަޖިލިސް ދޮށަށް އެއްވެ މިބިލު ފާސްނުކުރުމަށް ވަނީ ގޮވާލައިފަ އެވެ.

ނޫސްވެރިކަމުގެ މިނިވަންކަމަކީ ހިތުހުރި އެއްޗެއް ގޮވުމަށް ފުރުސަތު ދިނުންތަ؟

Advertisement

Advertisement 1

ނޫސްވެރިކަމަކީ ދައުލަތުގެ ހަތަރުވަނަ ބާރުކަމަށްވާއިރު ނޫސްވެރިންނަށް ގާނޫނީ އިމުގެ ތެރެއިން ހިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބިދީފައި އޮވެ އެވެ. އެހެންނަމަވެސް ހިޔާލުފާޅު ކުރަންވާނީ ވަކި ހުދޫދެއްގެ ތެރެއިންކަން ނޫސްވެރިންވެސް ގަބޫލުކުރަން އެބަޖެހެ އެވެ. މީހުންގެ ހައްގުތަކަށް އަރައިގަނެ މީހުންގެ އަބުރަށް އަރައިގަތުންފަދަ ކަންކަން ކުރުމަކީ އެއްގޮތަކަށް ވެސް ނޫސްވެރިއެއްގެ ހައިސިއްޔަތުން ކޮށްގެންވާނެ ކަންކަމެއް ނޫނެވެ. އެފަދަ އަމަލުތަކަކީ ނޫސްވެރިކަމުގެ އެތިކްސްއާއި ވެސް މުޅިން ހިލާފު އަމަލުތަކެކެވެ.

އެހެންނަމަވެސް ހިތާމައާއި އެކު ފާހަގަކޮށްލަންޖެހޭކަމަކީ ނޫސްވެރިންގެ ނަމުގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުން، މީހުންގެ ހައްގުތަކަށް އަރައިގަނެ މީހުންގެ އަބުރަށް އަރައިގަންނަ މިންވަރު ދުވަހުންދުވަހަށް އިތުރުވަމުންދާކަމެވެ. މަޖިލީހަށް ހުށަހެޅުނު ބިލު ފާސްވެއްޖެނަމަ ނޫސްވެރިންގެ ކިބައިން ފެންނަ މިފަދަ ނޭދެވޭ އަމަލުތައް ހުއްޓުވިގެންދާނެ އެވެ. ސަބަބަކީ މިބިލުގެ ސަބަބުން ދޮގު ހަބަރު ފަތުރާ، މީހުންގެ އަބުރަށް އަރައިގަންނަ މީޑިއާތަކާމެދު ހަރުކަށި ފިޔަވަޅު އެޅިގެންދާނެތީ އެވެ.

އެގޮތުން މީޑިއާ ކޮމިޝަނުގެ މިންގަނޑާ ހިލާފުވާ ނޫސްވެރިންނާއި މީޑިއާތައް ބޮޑު އަދަދަކުން ޖޫރިމަނާކުރެވި ރަޖިސްޓްރީ ބާތިލްކުރެވޭނެ ގޮތަށް މިބިލުގައި ވަނީ ހިމަނައިފަ އެވެ. ހަމައެހެންމެ، ވަކިވަކި ނޫސްވެރިން 5،000 ރުފިޔާއާ 25،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށާ އަދި 100،000 ރުފިޔާއާ ހަމައަށް މީޑިއާތައް ޖޫރިމަނާ ކުރެވޭ ގޮތަށް މިބިލުގައި ހިމަނާފައިވެ އެވެ.

މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެފައިވަނީ، މިއަދުގެ ހާލަތަށް ބަލާއިރު ފެންނަމުން ދަނީ އެއްވެސް ހިފެހެއްޓުމެއްނެތި އަދި އެއްވެސް އިމެއް ނެތި، މީހުންގެ އަބުރަށް އަރައިގަނެ، އާންމު މަސްލަހަތު ގެއްލުވާލާތަން ކަމަށެވެ. އަދި ކުދި ރަށްރަށާ ގައުމުގެ ވަކި ސަރަހައްދުތަކުގައިވެސް މަސްލަހަތު ގެއްލޭގޮތަށް މީޑިއާތަކުން ހަރަކާތްތެރިވަމުންދާކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިހާރު ރާއްޖޭގައި އޮޕަރޭޓްކުރާ މީޑިއާތަކަކީ ވަރަށް ތިލަކޮށް ވަރަށް ސާފުކޮށް ދަންނަވާކަމަށްވަންޏާ ޗެކްބުކް މީޑިއާއެއް ރާއްޖޭގައި މިއޮތީ. ފައިސާ ދިނީމާ ފައިސާ ދޭގޮތަކަށް ސުރުހީ ޖަހައިދޭނެ، 100 ޕަސެންޓް ސުރުހީ ނަގައިވެސް ދޭނެ."--- ނާޒިމް ވިދާޅުވި އެވެ.

ޖަމިއްޔާތަކާއި ނޫސްވެރިންގެ ކަންބޮޑުވުން

މިހާރު މަޖިލީހަށް ހުށަހެޅިފައިވާ ބިލާއެކު މިނިވަން ނޫސްވެރިކަން އެކީ މަރާލާނެ ކަމަށާއި، ބިލު އަނބުރާ ގެންދިޔުމަށް އެދި މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)އިން ވެސް އިއްޔެވަނީ ބަޔާނެއް ނެރެފަ އެވެ. މިފަދަ ބިލެއް ފަރުމާކޮށް މަޖިލީހަށް ހުށަހަޅުއްވާފައިވާއިރު އެކަށީގެންވާ ގޮތެއްގައި މީޑިއާތަކާއި ނޫސްވެރިންނާ މަޝްވަރާކޮށްފައި ނުވާކަމީ މި ބިލު ހުށަހެޅުމުގައި ހެޔޮ ނިޔަތް އޮތް ކަމާ މެދު ސުވާލު އުފެދޭ ކަމެއްކަމަށް އެމްޖޭއޭގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހެޅިފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު އަނބުރާ ގެންދަން އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އިން ވެސް ވަނީ ގޮވާލައިފަ އެވެ. އައިއެފްޖޭގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، މީޑިއާ ރެގިއުލޭޓްކުރުމަށް ނޫސްވެރިކަމުގެ ދާއިރާގެ ފަންނީ މީހުންގެ މަޝްވަރާ އާއި ބައިވެރިވުން ބޭނުންވާނެ އެވެ. ނޫސްވެރިންނާއި އެ މީހުންގެ ޔޫނިއަންތަކުގެ ބައިވެރިވުން ނެތި ބާރުގަދަ އިދާރާއަކުން މިފަދަ ނިންމުންތައް ނިންމުމަކީ ނޫސްވެރިން ބާރުވެރިކުރުމާއި ޑިމޮކްރަސީ ހިމާޔަތް ކުރުމާއި މީޑިއާގެ މިނިވަންކަމަށް ހުރަސްއެޅި އެ އިދާރާގެ ހަގީގީ މަގުސަދާ މެދުގައި ސުވާލު އުފެދޭ ސަބަބެއްކަމަށް އައިއެފްޖޭގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅުމުގެ ތާރީޚު

ނޫސްވެރިންގެ ނަމުގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކާއި އިދިކޮޅުގެ ބައެއް ފަރާތްތަކުން، މިބިލުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅިގެންދާނެކަމަށް ސިފަކުރަމުންދިޔަ ނަމަވެސް މިއީ މިކަމުގެ އަސްލު ހަގީގަތެއް ނޫނެވެ. މިދިޔަ އެެމްޑީޕީ ސަރުކާރުގައި މިއަށްވުރެ ނުރައްކާތެރި ބިލެއް މަޖިލީހަށް ހުށަހެޅި އެބިލު ވަނީ ފާސްކުރެވިފަ އެވެ. ހެއްކާބެހޭ ބިލުގެ ނަމުގައި ހުށަހެޅި އެބިލު މަޖިލީހުން ފާސްކޮށްފައިވަނީ 2022 ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހު ބޭއްވި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގަ އެވެ.

ހެއްކާބެހޭ ބިލުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަން އެތަށް ގޮތަކުން ހަނިވެގެން ދިޔަ އެވެ. އެގޮތުން ގައުމީ ސަލާމަތާއި ޓެރަރިޒަމްގެ ކުށްތަކުގައި ނޫސްވެރިޔާގެ މަސްދަރު ހާމަކުރުމަށް ކޯޓަށް އެންގިދާނެކަމަށް އެބިލުގައި ވަނީ ހިމަނައިފަ އެވެ. އެހެން ނަމަވެސް މަސްދަރު ހާމަނުކުރުމުގެ ހައްގަކީ ގާނޫނު އަސާސީން ނޫސްވެރިންނަށް ލިބިދީފައިވާ ހައްގެކެވެ.

މީގެ އަހަރުތަކެއް ކުރިން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމަށް ބަލާލާއިރު، ނޫސްވެރިންނާ ދެކޮޅަށް ޖިނާއީ ދައުވާކޮށްފައިވާތަން ފެންނަން އެބަ އޮތެވެ. ނޫސްވެރިންގެ މައްޗައް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ވާޖިބަށް ހުރަސްއެޅުމުގެ ތުހުމަތުކޮށް ދައުވާކޮށްފައިވެ އެވެ. ނޫސްވެރިންނަށް ނުހައްގުން އެތަކެއް އަދަބެއް ދީފައިވެ އެވެ. ފުލުހުން މެދުވެރިކޮށް ބާރުގެ ބޭނުންކޮށްގެން، އޭރުގެ އިދިކޮޅު ޕާޓީތަކުން ކުރިއަށް ގެންދިޔަ ހަރަކާތްތައް ކަވަރުކުރަން ނިކުންނަ ނޫސްވެރިންނަށް އެތަކެއް ބޮޑެތި އަނިޔާތަކެއް ދިނެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލުގެ އަސްލު ހަގީގަތް

ނޫސްވެރިންނަކީ ވަކި ފަރާތަކަށް ޖެހުމެއްނެތި، ނަޒާހަތްތެރިކަމާއެކު މަސައްކަތްކޮށް، އާންމު ރައްޔިތުންނަށް ތެދު ހަބަރު ފޯރުކޯށްދޭން ތިބި މީހުންނެވެ. އެހެންނަމަވެސް ނޫސްވެރިންގެ ނަމުގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުން، އެބަޔަކު ތާއީދުކުރާ ފަރާތަކުން ބުނާ ގޮތަކަށް ސުރުހީތައް ޖަހައި، ހަބަރު ލިޔެ އުޅޭކަމީ މިއަދުގެ މުޖުތަމައުން ފެންނަން އޮތް ވަރަށްވެސް ހިތާމަވެރި މަންޒަރެކެވެ.

ބަޔަކަށް ގަބޫލުކުރަން ދަތިވިޔަސް މަޖިލީހަށް އިއްޔެ ހުށަހެޅުނު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު ފާސްވެއްޖެނަމަ މީޑިއާތަކަށް އިތުރު ބާރުތަކެއް ލިބިގެންދާނެ އެވެ. އެގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލް އަދި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ ހުރިހާ ބާރުތަކެއް އެއްކޮށްލުމަށްފަހު މީޑިއާ ކޮމިޝަނާ ހަވާލުކުރެވިގެންދާނެ އެވެ. މިކޮމިޝަނަކީ ނޫސްވެރިންގެ ފުރިހަމަ ބާރު ލިބިފައިވާ ކޮމިޝަނެކެވެ. ސަބަބަކީ ކޮމިޝަނަށް އައްޔަނުކުރެވޭ ހަތް މެންބަރުންގެ ތެރެއިން ހަތަރު މެންބަރުންނަކީ މީޑިއާތަކުން އިންތިހާބުކުރާ މެންބަރުންކަމަށް ވާތީ އެވެ. އަނެއް ތިން މެންބަރުން އައްޔަނުކުރައްވާނީ ސީދާ ރައީސުލްޖުމްހޫރިއްޔާ އެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ނަމުގައި މަޖިލީހަށް ހުށަހެޅުނު ބިލުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަމަށް އެއްވެސް ހުރަސްތަކެއް ކުރިމަތިވެދާނެ ކަމަށް ގަބޫލެއްނުކުރެވެ އެވެ. އެހެންނަމަވެސް އެބިލުގެ ސަބަބުން ނޫސްވެރިންނާއި މީޑިއާތައް މިހާރަށްވުރެ އިތުރަށް ބާރުވެރިވެގެންދާނެ އެވެ. ނޫސްވެރިކަމުގައި ގެންގުޅެންޖެހޭ ރީތި އުސޫލުތަށް ހިފެހެއްޓޭނެ އެވެ. މިބިލާ ގުޅޭ ގޮތުން "ސިޔާސީ އެކްޓިވިސްޓުން" ހަގީގަތާ ހިލާފު ވާހަކަތައް ފަތުރަމުންދިޔަ ނަމަވެސް ރަނގަޅަށް މިބިލު ދިރާސާކޮށްލުމުން ފެނިގެންދަނީ، ރާއްޖޭގެ ބޮއްސުންލައިގެން ގޮސްފައިވާ ނޫސްވެރިކަމުގެ ދާއިރާއަށް މިވަގުތަށް ބޭނުންތެރި އެތައްކަމެއް ބިލުގައި ހިމަނާފައިވާ ތަނެވެ.

ރައްޔިތުންގެ މަޖިލިސްމޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންމޯލްޑިވްސް މީޑިއާ ކައުންސިލް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް އަލުން ދިރާސާކޮށް މަޖިލީހުން ފާސްކޮށްފި

ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް އަލުން ދިރާސާކޮށް މަޖިލީހުން ފާސްކޮށްފި

12 ދުވަސް ކުރިން - 13:08

އީޔޫ އާއި ބެލްޖިއަމްގެ ސަފީރުކަމަށް ދިޔާނާ

އީޔޫ އާއި ބެލްޖިއަމްގެ ސަފީރުކަމަށް ދިޔާނާ

19 ދުވަސް ކުރިން - 12:00

ކޮތަޅު ފީ އަށް ލުއި ދޭ އިސްލާހުގެ ފުރަތަމަ ކިޔުން އިއްވައިފި

ކޮތަޅުން ދެރުފިޔާ ނުނަގާ ގޮތަށް ފުރަތަމަ ކިޔުން އިއްވައިފި

19 ދުވަސް ކުރިން - 10:45

އިންޑޮނީޝިއާއަށް ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރަކަށް، ޑރ. މަރްޔަމް ޝަބީނާ ހަމަޖައްސަވައިފި

އިންޑޮނީޝިއާއަށް ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރަކަށް، ޑރ. މަރްޔަމް ޝަބީނާ ހަމަޖައްސަވައިފި

31 ދުވަސް ކުރިން - 11:10

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

50 ދުވަސް ކުރިން - 10:25

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

51 ދުވަސް ކުރިން - 12:12