އެއްވެސް ސަރުކާރަކަށް ހައްލު ނުކުރެވުނު "ވާނުވާ ނިޒާމް" ހައްލުކޮށް ގައިދީންނަށް ވަގުތީ ލުއި ދޭން ފަށައިފި

ހުސައިން އިސްމާއިލް | 15 ގަޑިއިރު ކުރިން - 21 މޭ 2025 18:39
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު: އެމަނިކުފާނު ވަނީ ވާނުވާ ބަންދަށް ނިމުން ގެނެސްފައި.
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު: އެމަނިކުފާނު ވަނީ ވާނުވާ ބަންދަށް ނިމުން ގެނެސްފައި.
ޚުލާސާ

މި ނިޒާމުގެ ތެރެއިން ބަންދަށް ލުއި ދެވިދާނެ މީހުން ކަނޑައެޅުމަށްޓަކައި، ފުލުހުންނާއި ކަރެކްޝަނަލް ސާވިސް މެދުވެރިކޮށް ޚާއްސަ އެސެސްމަންޓެއް ތައްޔާރުކުރެވޭނެ.

އެއްވެސް ސަރުކާރަކަށް ހައްލު ނުކުރެވުނު "ވާނުވާ ނިޒާމް" ހައްލުކޮށް ގައިދީންނަށް ވަގުތީ ލުއި ދޭން ފަށައިފިއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ، ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ތެރެއިން އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއްގެ ތެރެއިން އަދި ކޯޓުން ކަނޑައަޅާ ޝަރުތުތަކާއެކު ބަންދަށް ލުއި ދެވިދާނެކަމަށް ފެންނަ މީހުންގެ ބަންދު މުރާޖައާކޮށް، އެ ކަންކަން މިއަދުން ފެށިގެން ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. މި ނިޒާމުގެ ދަށުން ބަންދަށް ލުއި ދެވޭނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 66 ވަނަ މާއްދާގެ (ށ) ގެ 6 ވަނަ ނަންބަރުގެ ދަށުން، ކޯޓުން ގިނަވެގެން 100 ދުވަހަށް ކަނޑައަޅާ ޝަރުތެއްގެ ގޮތުގައެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި މަސައްކަތް ކުރަނީ ބަންދަށް ލުއި ދިނުމުގެ ކުރިން މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކާ ދެނެގަތުމަށް ފަހުއެވެ. އެގޮތުން، މި ނިޒާމުގެ ތެރެއިން ބަންދަށް ލުއި ދެވިދާނެ މީހުން ކަނޑައެޅުމަށްޓަކައި، ފުލުހުންނާއި ކަރެކްޝަނަލް ސާވިސް މެދުވެރިކޮށް ޚާއްސަ އެސެސްމަންޓެއް ތައްޔާރުކުރެވޭނެއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި މައްސަލައަށް ހައްލެއް ގެނައުމަށް ފާއިތުވި ހަފުތާގައި ހޯމް މިނިސްޓަރު އަލީ އިހުސާން އާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް އަދި ޕްރޮސިކިއުޓަރ ޖެނެރަލް އައްބާސް ޝަރީފާ އެކު މަޝްވަރާ ކުރައްވާފައެވެ. ޝަރީއަތް ނިމެންދެން ބަންދުކުރުން ނުވަތަ "ވާނުވާ" ބަންދުގެ މައްސަލައަށް ހައްލެއް ގެނައުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ކުށުގެ ބާވަތަށް ބަލައި ވީހާވެސް ގިނަ މީހުންނަށް މި ފުރުސަތު ފަހިކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމުގައެވެ. ނަމަވެސް، މާރާމާރީއާއި، ޓެރަރިޒަމްގެ ކުށްތަކާއި މަރުގެ މައްސަލަތަކާއި މަސްތުވާތަކެއްޗާއި ގޭންގުކުށްތަކުގައި ތުހުމަތުވާ މީހުންނާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެންނާއި، ޖިންސީ ގޯނާގެ ތުހުމަތުގައި ބަންދުގައި ތިބި މީހުން މި ނިޒާމުން އިސްތިސްނާ ކުރެވޭނެއެވެ.

މި އައު ނިޒާމުގެ ދަށުން، ބަންދަށް ލުއި ދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ "އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ދިނުމަށް އެދޭ ފޯމު" މެދުވެރިކޮށް ހުށަހެޅިދާނެއެވެ. އަދި އެ އޮފީހުގެ އޮންލައިން ޕޯޓަލް online.pgo.mv މެދުވެރިކޮށްވެސް ބަންދުގައިވާ މީހާގެ ވަކީލަށް އެކަމާ ގުޅޭ ހުށަހެޅުން ހުށަހެޅޭނެއެވެ.

މި ނިޒާމަކީ ޝަރީއަތް ނިމެންދެން ބަންދުކުރެވޭ މީހުންގެ އަސާސީ ހައްގުތައް ރައްކާތެރިކުރުމަށާއި، އިންސާފުވެރި ޝަރީއަތެއް ކަށަވަރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. އަދި މިއީ ގާނޫނީ ހަމަތަކާ އެއްގޮތަށް، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމާއެކު، ބަންދުގައި ތިބޭ މީހުންގެ އަދަދު މަދުކުރުމަށް ސަރުކާރުން ކުރިޔަށް ގެންދާ މަސައްކަތެކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%