ޣައްޒާގައި ހިނގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައާއި އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުރަސްއެޅުމާއި ގުޅިގެން އިސްރާއީލާއެކު ކުރިއަށްގެންދިޔަ މިނިވަން ވިޔަފާރީގެ މަޝްވަރާތައް އިނގިރޭސިވިލާތުން ހުއްޓާލައިފިއެވެ.
އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ ޑޭވިޑް ލެމީ ވިދާޅުވި ގޮތުގައި ޣައްޒާގައި އިސްރާއީލުން ހިންގަނީ ވަރަށް ދަށުދަރަޖައިގެ ނުބައި ޢަމަލުތަކެވެ. އަދި ޣައްޒާއާ ގުޅޭގޮތުން އިޒްރޭލުގެ ވަޒީރުން ދައްކާ ވާހަކަތަކާ މެދުވެސް އޭނާ ވަނީ ފާޑުކިޔާފައެވެ.
ވިޔަފާރީގެ މަޝްވަރާތައް ހުއްޓާލުމުގެ އިތުރުން، އިނގިރޭސިވިލާތުން ވަނީ ވެސްޓް ބޭންކުގެ ބައެއް ހިސާރުކޮށް އެތަނުގައި ޔަހޫދީ ޒައެނިސްޓުން އާބާދުކުރާތީ އެ ފަރާތްތަކަށް ދެކޮޅަށް ފިޔަވަޅު އަޅައި، އިސްރާއީލުގެ ސަފީރު ގެނެސް މަޝްވަރާ ވެސް ކޮށްފައެވެ. މީގެ އިތުރުން، އިސްރާއީލަށް ހަތިޔާރު އެކްސްޕޯޓްކުރުމަށް ދޫކޮށްފައިވާ 30 ލައިސަންސްވެސް ވަނީ ސަސްޕެންޑް ކޮށްފައެވެ. މި ލައިސަންސްތައް ސަސްޕެންޑް ކުރީ، މި ހަތިޔާރުތައް ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނާ ޚިލާފަށް ބޭނުންކުރެވިދާނެ ކަމުގެ "ސާފު ނުރައްކަލެއް" އޮތް ކަމަށް ފެންނާތީއެވެ.
އިނގިރޭސިވިލާތުގެ އިތުރަށް އެހެން ޤައުމުތަކުން ވެސް މިފަދަ ފިޔަވަޅުތައް އަޅާފައިވާކަން ފާހަގަ ކުރެވެއެވެ،
ތުރުކީވިލާތުން ވަނީ 2024 ގެ މެއި މަހު، އިޒްރޭލާއެކު ހުރިހާ ވިޔަފާރިއެއް ހުއްޓާލާފައިވެއެވެ އަދި އިޒްރޭލާއެކު ވެފައިވާ އެސޯސިއޭޝަން އެގްރީމަންޓް މުރާޖަޢާކުރަން ފަށާފައިވެއެވެ. ކެނެޑާ އިން ވެސް 2024 ގެ މާރޗް މަހު، އިޒްރޭލަށް ހަތިޔާރު ވިއްކުން ހުއްޓާލާފައިވާއިރު، ހަމަ އެ އަހަރު ނެދަލަންޑްސްއިން ވެސް ވަނީ އިސްރާއީލަށް ހަތިޔާރު ފޮނުވުން ހުއްޓާލާފައިވެއެވެ. އަދި ބެލްޖިއަމުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު، އިޒްރޭލަށް ހަތިޔާރު ވިއްކުމުގެ ލައިސަންސް ހުއްޓާލާފައިވާއިރު ޖަޕާނުން ވެސް ވަނީ ޒައެނިސްޓް އިސްރާއީލަށް ހަތިޔާރު ވިއްކުން ހުއްޓާލާފައިވެއެވެ.