ހިފާފައިވާ ހުޅަނގު އައްސޭރީގައި ޒައިތޫނި ބިންނަން ނުކުމެ އުޅުނު ފަލަސްޠީނުގެ އާންމު ރައްޔިތުންނަށް އަމާޒުކޮށް، އިސްރާއީލުގެ ހައްދުފަހަނައެޅި ވަޒަންވެރިން ނުރައްކާތެރި ބަޑީގެ ހަމަލާތަކެއް ދީފިއެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ހުޅަނގު އައްސޭރީގެ އަވަށެއްގައެވެ. ފަލަސްޠީނުގެ ދަނޑުވެރިންނާއި އާންމުން އެމީހުންގެ ބިންތަކުގައި ޒައިތޫނި ބިނުމުގެ މޫސުމީ މަސައްކަތުގައި ހަރަކާތްތެރިވަމުން ދަނިކޮށެވެ.
މި ހަމަލާގެ މައިގަނޑު ބޭނުމަކީ ފަލަސްޠީނުގެ ރައްޔިތުން ބިރުގަންނަވައި، އެމީހުންގެ އަމިއްލަ ބިންތަކުން ނެރެ އެ ބިންތައް ފޭރިގަތުމެވެ. ޒައިތޫނި ހެއްދުމަކީ ފަލަސްޠީނުގެ ގިނަ އާއިލާތަކެއްގެ މައިގަނޑު ދިރިއުޅުމާ ގުޅިފައިވާ އަދި އެ ގައުމުގެ ތާރީޚާއި ސަގާފަތް ރަމްޒުކޮށްދޭ މުހިންމު މަސައްކަތަކަށް ވާއިރު، ކޮންމެ އަހަރަކުވެސް މި މޫސުމާ ދިމާކޮށް އިސްރާއީލުގެ ހައްދުފަހަނައެޅި ޔަހޫދީ ވަޒަންވެރިން މިފަދަ ލާއިންސާނީ ހަމަލާތައް ދެމުން ގެންދެއެވެ.
މަންޒަރު ދުށް ފަރާތްތަކުން ބުނާ ގޮތުގައި މި ހަމަލާތައް ދިން ވަގުތު އިސްރާއީލުގެ ސިފައިން ވަނީ އެ ސަރަހައްދުގައި ފޯރިމަރަމުން ގޮސް ވަޒަންވެރިންނަށް ހިމާޔަތް ދީފައެވެ. އަދި އަމިއްލަ ދިފާއުގައި ތެދުވި ފަލަސްޠީނު މީހުންނާ ދެކޮޅަށް ވެސް އިސްރާއީލު ސިފައިން ވަނީ ބާރުގެ ބޭނުންކޮށްފައެވެ.
ހުޅަނގު އައްސޭރީގައި ޣައިރުގާނޫނީ ގޮތުގައި ވަޒަންވެރިވެގެން އުޅޭ އިސްރާއީލު މީހުން ފަލަސްޠީނުގެ އާންމުންނަށާއި، ދަނޑުބިންތަކަށާއި، މުދަލަށް ދޭ މިފަދަ ޓެރަރިސްޓް ހަމަލާތައް މި ފަހަކަށް އައިސް ވަނީ އިންތިހާއަށް އިތުރުވެފައެވެ.




