މުލީ ރީޖަނަލް ހޮސްޕިޓަލުގެ އައު އިމާރާތުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

އާނާ ފަހީމް | 8 ގަޑިއިރު ކުރިން - 20 މޭ 2025 20:03
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މ.މުލިއަށް ވަޑައިގަތުން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މ.މުލިއަށް ވަޑައިގަތުން
ޚުލާސާ

4 ފަންގިފިލާގެ އިމާރާތެއް އަޅައި، ގިނަ އައު ޚިދުމަތްތަކެއް ލިބޭނޭހެން މުލީ ރީޖަނަލް ހޮސްޕިޓަލުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް މިއަދު ރަީސް ފަށްޓަވައިދެއްވައިފި.

މ. މުލީ ރީޖަނަލް ހޮސްޕިޓަލުގެ 50 އެނދުގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ. މުލީ ހިއްކި ބިމުގައި ތަރައްޤީކުރާ މި ހޮސްޕިޓަލް އިމާރާތުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއެވެ.

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ. 4 ފަންގިފިލާއަށް ތަރައްޤީކުރާ މި އިމާރާތުގައި ކޮންސަލްޓޭޝަން ރޫމް، އޮޕަރޭޝަން ތިއޭޓަރ، އީ.އާރް، އެން.އައި.ސީ.ޔޫ، ކުޑަކުދިންގެ ވޯޑް، ޑެންޓަލް، ފިޒިއޮތެރަޕީ އަދި ރޭޑިއޮލޮޖީގެ އިތުރުން އެހެނިހެން ގިނަ ޚިދުމަތްތަކެއް ހިމެނޭނެއެވެ.

ސަރުކާރުން މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 171 މިލިއަން ރުފިޔާއަށެވެ. 32,250 އަކަފޫޓުގެ ބިމެއްގައި ކުރިއަށްގެންދާ މި މަޝްރޫޢުގައި ހޮސްޕިޓަލް އިމާރާތުގެ އިތުރުން ވަކިން އިދާރީ މަސައްކަތަށް ޚާއްސަ އޮފީސް އިމާރާތެއްވެސް ހިމެނެއެވެ.

މުލަކަތޮޅަކީ އާބާދީގައި 7,400 އެއްހާ މީހުން ދިރިއުޅޭ އަތޮޅެކެވެ. މި އަތޮޅުގެ ރައްޔިތުން ސިއްޙީ ޚިދުމަތަށް ބަރޯސާވާ މައި ހޮސްޕިޓަލް، މުލީ ރީޖަނަލް ހޮސްޕިޓަލަކީ 30 އަހަރަށްވުރެ ގިނަ ދުވަސްވީ ހޮސްޕިޓަލެކެވެ. އައު އިމާރާތާއެކު އިތުރު ޚިދުމަތްތައް ތަޢާރަފުކުރުމާއި ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެގެންދާނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%