މުލީ އެއަރޕޯޓާއެކު މުޅި މުލަކަތޮޅުގެ ތަރައްޤީއަށް ކުރިއެރުން ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މުލީ އެއަރޕޯޓް ރަސްމީކޮށް ހުޅުވައިދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވި ގޮތުގައި މުލީ އެއަރޕޯޓުގެ ސަބަބުން އެ ރަށާއި މުޅި އަތޮޅަށްވެސް ތަރައްޤީގެ ރޮނގުން ގިނަ ކުރިއެރުންތަކެއް ލިބޭނެއެވެ. އެއަރޕޯޓަކީ އެކި ދާއިރާތަކުން ކުރިއެރުންތައް ހޯދުމުގެ ދޮރާށްޓެއް ކަމަށާއި، އެ ރަށުގެ ފަތުރުވެރިކަމަށް ފަޅުތެރެއިން އިންވެސްޓްމަންޓް ފުރުސަތުތައް ހޯދައިދޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، މުލީގެ ތަރައްޤީއަށް ކުރިއަށްގެންދަން ނިންމަވާފައިވާ މަޝްރޫޢުތަކުގެ ތެރެއިން، އެ ރަށުގެ މަގު ހެދުމުގެ މަޝްރޫޢާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ރަށުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުގެ އައު އިމާރާތުގެ އަމަލީ މަސައްކަތްވެސް ފަށަން ތައްޔާރުވެފައިވާ ކަމަށާއި، ޚިދުމަތްތައް އިތުރުކޮށްދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި، 57 ރަށުގައި ކުރިއަށްގެންދާ ހައުސިންގ މަޝްރޫޢުތަކުގެ ތެރެއިން މުލީގައި 300 ހައުސިންގ ޔުނިޓް އަޅުއްވާނެއެވެ. މި މަޝްރޫޢަކީ އެ ރަށުގެ ރައްޔިތުންގެ އުއްމީދުތަކުގައި ކުލަޖެހިގެންދާނެ މަޝްރޫޢެއް ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.
ނާލާފުއްޓާއި މުއްޔާ ގުޅުވާލުމަކީ އެމަނިކުފާނުގެ ވަޢުދެއްކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ އެ މަސައްކަތަކީ އިޤްތިޞާދީ މަސައްކަތެއް ކަމަށެވެ. ދެ ރަށް އެއްފަސް ކުރެވުމުން ދެ ރަށުގެ ރައްޔިތުންނަށްވެސް ފައިދާވާނެ ކަމަށާއި، މަޝްރޫޢުގެ މުއްދަތަށްވުރެ ކުރިން މަސައްކަތް ނިންމާލެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.