މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ޓެކްނޮލޮޖީގެ އިތުރަށް އުފެއްދުންތެރި އުސޫލުތަކަށް އިސްކަންދިނުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ހަވާއީގެ ހޮނޮލޫލޫގައި އިއްޔެ ބޭއްވި ބްލޫ ޕްލެނެޓް އެލަޔަންސް ފެލޯޝިޕް ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރަސްމިއްޔާތުގެ ޚާއްޞަ މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ނައިބު ރައީސް ފާހަގަކުރެއްވީ ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް މޫސުމީ ކާރިސާތައް މިހާރު ޙަޤީޤަތަކަށް ވެފައިވާ ކަމަށެވެ. އެހެންކަމުން، މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ ޤައުމުތަކަށް އުފެއްދުންތެރި ޙައްލުތަކެއް ހޯދުމަށް މިހާރުގެ ޙާލަތަށްވުރެ ކުރިއަށް ވިސްނަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ނައިބު ރައީސް ވިދާޅުވީ ގޮންޖެހުންތަކާއި އެކުވެސް މޫސުމަށް 2އަންނަ ބަދަލުތަކުން އަރައިގަތުމަށް ކުރާ މަސައްކަތުގައި ރާއްޖެއިން ދެމިތިބޭނެ ކަމަށެވެ. މިގޮތުން، ރާއްޖެއިން ވަނީ ތިންވަނަ ނޭޝަނަލް ޑިޓަރމިނޭޓެޑް ކޮންޓްރިބިއުޝަން (އެންޑީސީ) އާއި 2024-2033 އަށް ޢަމަލުކުރަން ނިންމާފައިވާ އެނާޖީ ރޯޑްމެޕް ތަޢާރަފުކޮށްފައެވެ. މި ޕްލޭނުގެ އަމާޒަކީ 2028 ވަނަ އަހަރާ ހަމައަށް 33 އިންސައްތަ އިޢާދަކުރަނިވި ހަކަތަ ބޭނުންކުރުމެވެ.
ނައިބު ރައީސް ފާހަގަކުރެއްވި ގޮތުގައި މިއީ ތެލަށް ބަރޯސާވުން ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރުގައި އެޅުއްވި މުހިންމު ފިޔަވަޅެކެވެ.
އުފެއްދުންތެރިކަމުގައި ކުދި ޤައުމުތަކަށް ހުރި ގޮންޖެހުންތައް ފާހަގަކުރައްވައި، ނައިބު ރައީސް ވިދާޅުވީ ބްލޫ ޕްލެނެޓް އެލައަންސް ފެލޯޝިޕް ޕްރޮގްރާމްގެ ސަބަބުން އެފަދަ ޤައުމުތަކަށް މަޢުލޫމާތު ހިއްސާކޮށް، އުފެއްދުންތެރި ޙައްލުތައް ހޯދޭނެ ކަމަށެވެ. މި ޕްރޮގްރާމުގެ ޒަރީޢާއިން ޕޮލިސީ އެކްސްޕާޓުންނާއި ޔުޓިލިޓީ ލީޑަރުން ފަދަ މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް މަސައްކަތްކުރާ ފަރާތްތައް ގުޅިގެން މަސައްކަތްކުރެވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.