ބައި-އިލެކްޝަން ނުބާއްވާ ބިލު، ރައީސް ތަސްދީގުކުރައްވައިފި

އަައިޝަތު ޒީނާ | 7 ގަޑިއިރު ކުރިން - 19 މޭ 2025 16:44
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު. / ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

އެ ބިލަށް އިސްލާހު ގެނައީ ގިނަ ޢަދަދަކަށް ބައި-އިލެކްޝަން ބާއްވަންޖެހޭތީ އާއި އެކަމަށް ކުރަންޖެހޭ ޚަރަދުތައް އިތުރުވަމުންދާ މައްސަލައަށް ޙައްލެއް ހޯދުމުގެ މަޤްޞަދުގައި.

ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް 15 އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ތަޞްދީޤުކުރައްވައިފިއެވެ.

މި އިސްލާޙު ގެނައުމަށް ނިންމަވާފައިވަނީ، ލޯކަލް ކައުންސިލްތަކުގެ ޢުމުރުގެ ތެރޭގައި ކައުންސިލްތަކުގެ މެންބަރުންގެ ގޮނޑި ހުސްވާ ޙާލަތްތައް އިތުރުވަމުންދިއުމުގެ ސަބަބުން ތަކުރާރުކޮށް، ގިނަ ޢަދަދަކަށް ބައި-އިލެކްޝަން ބާއްވަންޖެހޭތީ އާއި އެކަމަށް ކުރަންޖެހޭ ޚަރަދުތައް އިތުރުވަމުންދާ މައްސަލައަށް ޙައްލެއް ހޯދުމުގެ މަޤްޞަދުގައެވެ.

މި އިޞްލާޙާއެކު އަންނާނެ ބައެއް ބަދަލުތަކުގެ ތެރޭގައި:

  1. ކައުންސިލެއްގެ ރައީސްގެ މަޤާމު ހުސްވިއިރު އެ ކައުންސިލްގެ ޢުމުރުގެ ބާކީ އޮތީ، 548 (ފަސްސަތޭކަ ސާޅީސްއަށެއް) ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްނަމަ، ކައުންސިލްގެ ބައްދަލުވުމެއް ބޭއްވުމަށް ބޭނުންވާ ޤާނޫނީ ޢަދަދު ހަމަވާ މިންވަރަށް އެ ކައުންސިލްގައި މެންބަރުން ނެތް ޙާލަތެއްގައި މެނުވީ، އެ ހުސްވި މަޤާމަށް މެންބަރަކު އިންތިޚާބުކޮށްގެން ނުވާނެއެވެ.
  2. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއެއްގެ މެންބަރެއްގެ މެންބަރުކަމުގެ މަޤާމު ހުސްވިއިރު އެ ކޮމިޓީގެ ޢުމުރުގެ ބާކީ އޮތީ 548 (ފަސްސަތޭކަ ސާޅީސްއަށެއް) ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްނަމަ، ކޮމިޓީގެ ބައްދަލުވުމެއް ބޭއްވުމަށް ބޭނުންވާ ޤާނޫނީ ޢަދަދު ހަމަވާ މިންވަރަށް އެ ކޮމިޓީގައި މެންބަރުން ނެތް ޙާލަތުގައި މެނުވީ، އެ ހުސްވި މަޤާމަށް މެންބަރަކު އިންތިޚާބުކޮށްގެން ނުވާނެއެވެ.

މި ބިލަކީ، 15 މޭ 2025 ވީ ބުރާސްފަތި ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 32 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.

ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް 15 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމާ ގުޅިގެން ދިވެހިސަރުކާރުގެ ގެޒެޓުގައި މިއަދު ވަނީ ޝާއިޢުކުރައްވާފައެވެ. އަދި މި އިސްލާޙަށް މިހާރު ވަނީ ޢަމަލުކުރަންފަށާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%