ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހެނދުނު ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަސްދީގުކުރައްވައިފިއެވެ. ރައީސް އޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ބިލު ތަސްދީގުކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއަދަކީ ދިވެހިރާއްޖޭގެ ކުޅިވަރު ޙަޔާތުގައި މުހިންމު ޞަފުޙާއެއް ހުޅުވިގެންދާ ދުވަހެއް ކަމަށެވެ.
"މާތްﷲގެ ވާގިފުޅާއެކު މިއަދު އެޅިގެން މިދަނީ ވަރަށް މުހިންމު ފިޔަވަޅެއް. ދިވެހިރާއްޖޭގެ ކުޅިވަރު ޙަޔާތުގައި މިއަދު ހުޅުވިގެން މި ދަނީ ވަރަށް މުހިންމު ޞަފުޙާއެއް،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މި އިޞްލާޙާއެކު ކުޅިވަރު ކުރިއެރުވުން ލާމަރުކަޒީވެ، ކުޅުންތެރިންނަށް އިތުރު ފުރުޞަތުތައް ހުޅުވިގެންދާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި ކޮންމެ ދާއިރާއަކުންވެސް ޕްރޮފެޝަނަލް މިންގަނޑުތަކާއި އެއްގޮތަށް ކުޅިވަރު ކުރިއަރުވައި ތަރައްޤީ ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޤާނޫނަށް ގެނެވުނު އިޞްލާޙުތަކާއެކު ޤާއިމުކުރެވޭ ޤައުމީ ކުޅިވަރު ފަންޑުގެ އެހީގައި، ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ކުރެވޭ ޚަރަދު ދެމެހެއްޓެނިވި ގޮތެއްގައި އިތުރުވެގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ކުޅިވަރު ކުންފުނި އުވާލުމާ ގުޅިގެން އެ ކުންފުނީގެ މުވައްޒަފުންނަށް އެހެން ފުރުޞަތުތައް ހޯއްދަވައިދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މި އިޞްލާޙުގެ ސަބަބުން ކުޅިވަރުގެ ދާއިރާގައި ދެފުށްފެންނަ މިންވަރު އިތުރުވެ، ހިންގުން ހަރަރުދަނާވެ، ގުޑް ގަވަރނަންސްގެ އުސޫލުތައް ކަށަވަރުކުރެވިގެންދާނެއެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުފެދޭ މޮޅު ކުޅުންތެރިންނަށާއި އެތުލީޓުންނަށް، ޤައުމީ ފެންވަރުގައި އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ކުރިއަށް ދިއުމާއި، ހުނަރު ތަރައްޤީކުރުމުގެ ފުރުޞަތު މި ބަދަލާއެކު އިތުރަށް ފަހިވެގެންދާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މި އިޞްލާޙުގެ އެންމެ މުހިންމު އެއް ބަދަލެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވީ ކުޅިވަރު ކުރިއެރުވުން ލާމަރުކަޒީވުމެވެ. މީގެ އިތުރުން، މިއަދުން ފެށިގެން ދިވެހިރާއްޖޭގެ ޕެރަލިމްޕިކް ކޮމިޓީއަކީ، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާއި އެއް ގިންތިއެއްގައި ހިންގާނެ ޤާނޫނީ ބާރުވެރިކަން ފުރިހަމައަށް ލިބިފައިވާ ކުޅިވަރުގެ އިދާރާއަކަށް ވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"މި ބަދަލާއެކު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ކުޅިވަރުގެ މައިދާނުން ހަމަހަމަ ފުރުޞަތުތަކެއް ލިބިގެންދާނެ. އަދި ކުޅިވަރުގެ މައިދާނުގައި ޖިންސުގެ ތަފާތުކުރުންތައް ގެންގުޅެގެން ނުވާނެކަން، ޤާނޫނެއްގައި ލިޔެވިގެން ތަސްދީޤުކުރެވުނު މިއީ ފުރަތަމަ ފަހަރު،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.









