ވާލާއި ކާޅުގެ ސަބަބުން ދަނޑުވެރިންނަށް ދިމާވާ މައްސަލަތަކަށް ހައްލެއް ހޯދުމަށްޓަކައި އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އާއި އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ އިސްވެރިން ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ.
މި ބައްދަލުވުމުގައި މިނިސްޓަރު މާރިޔާގެ އިތުރުން އެ މިނިސްޓްރީގެ ކަމާއި ގުޅުންހުރި ޑިޕާޓްމަންޓްތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. ބައްދަލުވުމުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދަނޑުވެރިކަން ކުރާ ފަރާތްތަކަށް ވާލާއި ކާޅުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކާއި، އެ މައްސަލަތައް ހައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ.
އީޕީއޭއިން ހުށަހެޅި ގޮތުގައި، ފުރަތަމަ ކަމަކަށް ވާލާއި ކާޅުގެ އަދަދު ދެނެގަތުމަށްފަހު، އެ އަދަދަށް ބަލައި އެ ޖަނަވާރުތައް ބެލެހެއްޓުމަށް އެންމެ އެކަށީގެންވާ ގޮތްތައް ކަނޑައަޅަން ޖެހެއެވެ. އަދި އެހެން ގޮތެއް ނެތް ހާލަތެއްގައި، އެ ޖަނަވާރުތައް ކޮންޓްރޯލްކޮށްގެން އުނިކުރުމަކީވެސް ވިސްނާލަންޖެހޭ ކަމެއް ކަމަށް އީޕީއޭއިން ފާހަގަކުރިއެވެ.
މިނިސްޓްރީގެ މަޤްޞަދަކީ ދަނޑުވެރިންނަށް ރައްކާތެރި މާޙައުލެއް ޤާއިމުކޮށްދިނުމާއެކު، އާންމު ސަލާމަތްތެރިކަން ކަށަވަރުކުރުމެވެ. އެހެންނަމަވެސް، މިނިސްޓްރީގެ ސިޔާސަތަކީ ވާލާއި ކާޅު މެރުމުގެ ބަދަލުގައި އެ ޖަނަވާރުތަކާއެކު އުޅެން ދަސްކޮށްދިނުން ކަމަށް މިނިސްޓަރު މާރިޔާ ވަނީ ކުރިން ވިދާޅުވެފައެވެ.
މިނިސްޓަރު މާރިޔާ ވިދާޅުވި ގޮތުގައި، ކާޅާއި ވާލުގެ އުނދަގޫ އާންމުންނަށް ކުރިމަތިވަނީ އެ ޖަނަވާރުތައް ދިރިއުޅޭ މާޙައުލު ނައްތާލުމުގެ ސަބަބުންނެވެ. އެހެންކަމުން، މި މައްސަލަ ހައްލުކުރުމަށް އެންމެ މުހިންމު އެއް ކަމަކީ ގިނައިން ގަސް އިންދުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.