ސަރުކާރުން ޙަވާލުކޮށްފައިވާ ހުރިހާ މަޝްރޫޢެއް ވެސް ވަގުތަށް ނިންމޭނެ ކަމަށާއި، އަމާޒަކީ 2028 ގެ ފަހު ކުއާޓަރާ ހަމައަށް ދާއިރު، މިހާރު އެ ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ ހުރިހާ މަޝްރޫޢެއްވެސް ނިންމުން ކަމަށް އެމްޓީސީސީގެ ސީއީއޯ އަޙްމަދު ސަޢުދީ ވިދާޅުވެއްޖެއެވެ.
އެމްޓީސީސީއަކީ އުމްރާނީ ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ހަވާލުކޮށްފައިވާ ކުންފުންޏެކެވެ. މި ކުންފުނިން ޕީއެސްއައިޕީގެ ދަށުން ގިނަ މަޝްރޫޢުތަކެއް ހިންގަމުންދާއިރު، ބައެއް މަޝްރޫޢުތައް އެކަށީގެންވާ ބާރު ދުވެލީގައި ކުރިއަށް ނުދާކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން ވަނީ ފާޅުކޮށްފައެވެ.
މި މައްސަލަތައް ހައްލުކުރުމަށް ސީދާ ސަރުކާރުންވެސް މަސައްކަތް ކުރައްވާ ކަމަށް ސަޢުދީ ވިދާޅުވިއެވެ. އެގޮތުން މަސައްކަތް ނުހުއްޓި ކުރިއަށް ގެންދާނެ މަގު ދައްކައި، މަޝްރޫޢުތަކުގެ މަސައްކަތްތައް ބާރަށް ކުރިއަށް ގެންގޮސް ނިންމުމަށް ސީދާ ރައީސުލްޖުމްހޫރިއްޔާވެސް ބާރު އަޅުއްވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ، މިހާރު މި ވަގުތު ހަވާލުކޮށްފައިވާ 347 މަޝްރޫޢު 2028 ފަހު ކުއާޓަރަށް ނިންމުމަށް ކުރަންޖެހޭ މަސައްކަތް ކުރުން. އެކަމަށްޓަކައި ހުރިހާ މުވައްޒަފުންވެސް ދަނީ މަސައްކަތް ކުރަމުން،" ސަޢުދީ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، ތަޢުލީމީ ދާއިރާއާއި ޞިއްޙީ ދާއިރާ ހިމެނޭހެން ތަފާތު އެކި ދާއިރާތަކުގެ މަޝްރޫޢުތައް މިހާރުވެސް އެމްޓީސީސީއާ ޙަވާލުކޮށްފައިވެއެވެ. މީގެ ތެރޭގައި ކުރިން ފެށިފައި ހުއްޓިފައި ހުރި މަސައްކަތްވެސް ހިމެނެއެވެ.
ސަޢުދީ އިތުރަށް ވިދާޅުވީ ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ 38 މަޝްރޫޢެއް ފެށުމަށްޓަކައި 11 ރަށެއްގެ މަސައްކަތް މޮބިލައިޒް ކުރެވިފައިވާ ކަމަށެވެ.
އެމްޓީސީސީއަކީ ސަރުކާރުގެ 64 އިންސައްތަ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށާއި، އާންމު ހިއްސާދާރުންވެސް ތިބި ކަމަށް ސަޢުދީ ފާހަގަކުރެއްވިއެވެ. އަދި މި ހުރިހާ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކޮށް، ފައިދާވާ ކުންފުންޏެއްގެ ގޮތުގައި ދެމެހެއްޓުމަށް މަސައްކަތްކުރާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.