ރާއްޖޭގެ ކޮންމެ ހިސާބެއްގައި ދިރިއުޅޭ ރައްޔިތަކަށް ވެސް ހަމަހަމަކަމާއެކު ހިދުމަތްތައް ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އަމާޒު ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ދުނިޔޭގެ މުވާސަލާތީ ދުވަހާއި ގުޅިގެން ދެއްވި ހިތާބުގައި އިހުސާން ވިދާޅުވީ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ތެރެއިން އިގުތިސާދާއި މުޖުތަމައު އަދި ދިރިއުޅުމުގެ ކޮންމެ ދާއިރާއެއް ވެސް ބަދަލުވަމުން އަންނަ ޓެކްނޮލޮޖީއަށް ބަރޯސާވެ ކުރިއަރަމުން އަންނަ ކަމަށެވެ.
މި ބަދަލުވަމުން އަންނަ ޑިޖިޓަލް ޒަމާނުގައި، އިޖުތިމާއީ ހަމަޖެހުމާއި ޓެކްނޮލޮޖީގެ ރައްކާތެރި ބޭނުންކުރުމުގެ އިތުރުން ހުރިހާ އެންމެނަށް ހަމަހަމަ ފުރުސަތުތައް ލިބޭކަން ކަށަވަރުކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ ދުނިޔޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ ސައިންސާއި ޓެކްނޮލޮޖީ އަދި އިންޖިނިއަރިން ދާއިރާ ފަދަ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ދާއިރާތަކުގައި އަންހެނުން ހަރަކާތްތެރިވާ މިންވަރުގެ ނިސްބަތް މަދު ނޫން ކަމަށެވެ. ނަމަވެސް، ވަކި ބާވަތުގެ ވަޒީފާ އަދި ހާއްސަކޮށް ލީޑާޝިޕް ނުވަތަ ހިންގުމުގެ ދާއިރާގައި އަންހެނުންގެ ދައުރު ނިސްބަތުން މަދު ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި މި ކަހަލަ ފަރަގުތައް ކުޑަ ކަމަށާއި، މި ފަރަގު އެއްކޮށް ނައްތާލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތެއް ކަމަށް އިހުސާން ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ ޑިޖިޓަލް ޓްރާންސްފޮމޭޝަންގައި މިންތީގެ ހަމަހަމަކަން ގާއިމްކުރެވުމަކީ މުޅި ގައުމަށް ވެސް ފައިދާ ކުރާނެ ކަމެއް ކަމަށެވެ.
މި ސަރުކާރުގެ "ޑިޖިޓަލް ފަސްޓް ނޭޝަން" ސިޔާސަތުގެ ދަށުން، ރާއްޖޭގެ ކޮންމެ ހިސާބެއްގައި ދިރިއުޅޭ ރައްޔިތަކަށް ވެސް، ވަކި ޖިންސަކަށް ބެލުމެއް ނެތި، ހަމަހަމަކަމާ އެކު ހިދުމަތްތައް ފޯރުކޮށްދިނުމަކީ އަމާޒެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމުގެ ސަބަބުން، އަންހެނުންނަށް އިތުރު ބާރުވެރިކަން ލިބި، އިގުތިސާދީ ދާއިރާގައި ހަމަހަމަކަމާއި އެކު ބައިވެރިވުމުގެ ފުރުސަތު ފަހިވާނެ ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.