ދިވެހިރާއްޖޭގެ ރަށްރަށުގެ ކައިރީގައި ސަފާރީތަކާއި އޮޑިދޯނިފަހަރު ބައިތިއްބައިގެން، ގަވާއިދާ ހިލާފަށް ރާ ބާލައިގެން ރަށްރަށުގެ ޒުވާނުންނަށާއި މުޖުތަމައަށް ރާ ވިއްކަމުންދިޔަ ނުރައްކާތެރި ވިޔަފާރި ހުއްޓުވުމަށް ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ދަށުން، ޖުމްލަ 16,852 ރާފުޅި އަތުލައިގަނެފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިކަން ހާމަކުރެއްވީ ޕީއެންސީގެ މަތީ މަޖިލީހުގައި ވާހަކަފުޅުދައްކަވަމުންނެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، މިއީ މީގެ ކުރިން އެކަށީގެންވާ ގޮތަކަށް ފޯކަސް ނުކުރެވި އޮތް، ނަމަވެސް ރަށްރަށުގެ އަމަންއަމާންކަމަށާއި އިޖުތިމާއީ ފޭރާމަށް ވަރަށް ބޮޑަށް ނުފޫޒު ފޯރުވަމުންދިޔަ ކަމެކެވެ. ބޮޑެތި ރިސޯޓުތަކާއި ޓޫރިޒަމް އެންމެ ރަނގަޅަށް ޑިވެލޮޕްވެފައިވާ ރަށްރަށް ކައިރީގައި ސަފާރީތައް ބައިތިއްބައިގެން، ކަސްޓަމުން ރާ ދޫކުރުމަށްފަހު އެ ދޯނިފަހަރު ގޮސް ރަށްރަށަށް ރާ ބާލައިގެން ވިޔަފާރިކުރަމުން ގޮސްފައިވެއެވެ.
މި މައްސަލަ ހައްލުކުރުމުގެގޮތުން ހާއްސަ އޮޑިޓްތަކެއް ހިންގާފައިވާ ކަމަށާއި، ގަވާއިދާ ހިލާފުވި ފަރާތްތަކުގެ ޕަރމިޓްތައް މިހާރު ކެންސަލްކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި އެޅުނު ފިޔަވަޅުތަކާއެކު، ރާއްޖެތެރެއަށް ރާ އެތެރެކުރުމުގެ މަގުތައް މިހާރު ވަރަށް ބޮޑަށް ބަންދުކުރެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، މަސްތުވާތަކެއްޗާއި މިފަދަ ނޭދެވޭ އަމަލުތައް ހުއްޓުވުމަށް ގާނޫނީ އޮނިގަނޑަށް ގެނެވުނު މުހިންމު ބަދަލުތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ޑްރަގް ވިޔަފާރީގެ އަޑީގައި ތިބެގެން މާލީގޮތުން ފައިނޭންސްކުރާ ފަރާތްތައް 25 އަހަރަށް ޖަލަށްލުމަށާއި، އެފަދަ ވިޔަފާރިތަކުން ހޯދާފައިވާ ހުރިހާ މުދަލަކާއި ފައިސާއެއް ދައުލަތަށް ނަގައި ހިފެހެއްޓޭނެގޮތަށް ގާނޫނު ބަދަލުކޮށްފައިވާ ކަމަށެވެ.









