ޣައްޒާ ގައި މިހާރު ދެމުންދާ ހަމަލާތަކުގައި 24 ގަޑިއިރުގެ ތެރޭގައި މަދުވެގެން 115 މީހުން ޝަހީދުކޮށްލައިފި ކަމަށް ޣައްޒާގެ ސިއްޙީ އިދާރާތަކުން ބުނެފިއެވެ.
މީގެތެރެއިން، ޣައްޒާ ސިޓީގެ ހޮސްޕިޓަލަކަށް އަމާޒުކޮށް ދިން ވައިގެ ހަމަލާއެއްގައި 28 މީހުން ޝަހީދުވެފައިވާ ކަމަށް މަސްދަރުތަކުން ބުނެވެއެވެ. އިސްރާއީލުން ބުނާ ގޮތުގައި މި ތަނަކީ ހަމާސްއިން ބޭނުންކުރަމުންދިޔަ ތަނެކެވެ. ނަމަވެސް މިކަމެއް މިނިވަން ފަރާތަކުން އަދި ކަށަވަރުކުރެވިފައެއް ނުވެއެވެ.
ޣައްޒާ ބަނޑަށް ޖެހިފައި ވާއިރު، އދ. އިން ބުނަނީ އިސްރާއީލުން ހަތިޔާރެއްގެ ގޮތުގައި ބަނޑުހައިހޫނުކަން ބޭނުންކުރަމުންދާ ކަމަށެވެ. ޔޫއެންއާރްޑަބްލިޔޫއޭއިން ބުނެފައިވަނީ ދެ މަސް ވަންދެން އެހީ ނުވެއްދޭތީވެ އެކަމުގެ ސަބަބުން ބަނޑުހައިހޫނުކަން ބާރު ސްޕީޑުގައި ފެތުރެމުންދާ ކަމަށާއި، ޚާއްޞަކޮށް ކުޑަކުދިންގެ މެދުގައި މިކަން އިތުރުވަމުންދާ ކަމަށެވެ.
ޣައްޒާގެ 65 އިންސައްތައަށްވުރެ ގިނަ ސަރަޙައްދު މިހާރު ވަނީ އިސްރާއީލުގެ ކޮންޓްރޯލްގެ ދަށަށް ގެނެސް އެއްލައްކަ އަށްވުރެ ގިނަމީހުން ވަނީ ގެދޮރުން ބޭރުކޮށްލާފާއެވެ. މީގެ އިތުރުން މީޑިއާ ޓެންޓަކަށް ދިން ހަމަލާއެއްގައި ނޫސްވެރިއަކު މަރުވެފައިވެއެވެ.









