ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު ނިމި، މެންބަރުން ޗުއްޓީއަށް ވަޑައިގެންފިއެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވި ގޮތުގައި މި ދައުރުގައި 32 ޖަލްސާ ބޭއްވުނެވެ. އަދި މެންބަރުން ޖަލްސާތަކުގައި 59 ގަޑިއިރު ހޭދަކުރެއްވިއެވެ. މީގެ އިތުރުން ކޮމިޓީތަކުގެ 193 ބައްދަލުވުން ބޭއްވި، އެ ބައްދަލުވުންތަކުގައި މެންބަރުން 139 ގަޑިއިރާއި 30 މިނެޓު ހޭދަކުރެއްވިއެވެ.
މި ދައުރުގައި ނުވަ ބިލެއްގެ މަސައްކަތް ނިންމާ ފާސްކޮށްފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އޭގެ ތެރޭގައި އިމިގްރޭޝަންގެ ޤާނޫނަށް ގެނައި އިޞްލާޙުގެ ބިލާއި، ދުންފަތް ކޮންޓްރޯލް ކުރުމުގެ ޤާނޫނު އިޞްލާޙު ކުރުމުގެ ބިލު، އަދި ގޭންގު ކުށްތައް ހުއްޓުވުމުގެ މުހިންމު ބިލުތައް ހިމެނޭކަން ފާހަގަ ކުރެވެއެވެ
މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވި ގޮތުގައި މަޖިލީހަށް ހުށަހެޅުނު މަސައްކަތުގެ 77 އިންސައްތަ މަސައްކަތް ނިންމާފައިވެއެވެ. އަދި މަޖިލީހުގެ މަސައްކަތްތަކަށް މެންބަރުން ދެއްވި އަހައްމިއްޔަތުކަން ފާހަގަކުރައްވާފައިވެއެވެ