ގޭންގު ކުށްތައް ހުއްޓުވުމަށް ފަރުމާކޮށްފައިވާ "ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު" ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މި ބިލު ފާސްކުރުމަށް 55 މެންބަރުން ވޯޓު ދެއްވާފައިވެއެވެ.
މި ބިލުގެ މައިގަނޑު މަޤްޞަދަކީ ގޭންގުތަކުން ހިންގާ ކުށްތަކާއި އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ހިންގާ ނުރައްކާތެރި އަދި ބޮޑެތި ކުށްތަކުން ރައްޔިތުންނާއި މުޖުތަމަޢު ރައްކާތެރިކުރުމެވެ. އަދި މިފަދަ ކުށްތަކާ ގުޅޭ ތަފްސީލީ ޤާނޫނީ އޮނިގަނޑެއް އެކުލަވާލައި، ހަރުދަނާ ގޮތެއްގައި އަދަބު ތަންފީޒުކުރުމެވެ.
މި ޤާނޫނުގެ ދަށުން އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާއި ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށް ހިމެނޭގޮތަށް ކުށުގެ ގޮތުގައި ކަނޑައެޅޭ އަމަލުތަކަށް އަދަބު ކަނޑައެޅޭނެއެވެ. އަދި މިފަދަ ކުށްތައް ކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ޤާނޫނު ތަންފީޒުކުރާ އިދާރާތަކަށް ޚާއްޞަ ބާރުތަކެއް ދެވޭނެއެވެ.
ބިލުގައި "އިންތިޒާމްވެގެން ކުރާ ބޮޑެތި ކުށް" ތަކުގެ ގޮތުގައި މަސްތުވާތަކެތި ޓްރެފިކްކުރުން، މީހުން ޓްރެފިކްކުރުން، ރާއްޖެއަށް ގެނައުން މަނާ ތަކެތިން ވިޔަފާރިކުރުން، ވަގު ފައިސާ އުފެއްދުން، އަދި މީހުން މެރުމާއި މާރާމާރީ ހިންގުން ފަދަ ނުރައްކާތެރި ކުށްތައް ހިމެނެއެވެ.
މި ބިލު ޤާނޫނަކަށް ވުމުން، މިހާރު ޢަމަލުކުރަމުން އަންނަ "ގޭންގު ކުށްތައް މަނާ ކުރުމާ ބެހޭ ޤާނޫނު" އަދި "ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު ހަތިޔާރު ގެންގުޅުން މަނާކުރާ ޤާނޫނު" އުވިގެންދާނެއެވެ.