ނ. އަތޮޅުގެ ގިނަ ރަށްތަކެއްގައި ބީއެމްއެލްގެ އޭޓީއެމް ހިދުމަތް މިއަދު ފަށައިފި އެވެ.
މި ހިދުމަތް ފެށި ރަށްތަކަކީ އެ އަތޮޅު ހެނބަދޫ, ކުޑަފަރި, މަގޫދޫ, ލަންދޫ އަދި މާޅެންދޫގަ އެވެ.
އެ ރަށްރަށުގައި އޭޓީއެމްގެ ހިދުމަތް ފައްޓަވައިދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. އެކަމަށްޓަކައި އެ ރަށްރަށުގައި ބޭއްވި ރަސްމިއްޔާތުތަކުގައި ބީއެމްއެލްގެ ޗެއާޕާސަން އަހްމަދު އަލީ ހަބީބް އާއި ސީއީއޯ މުހައްމަދު ޝަރީފުގެ އިތުރުން އެ ރަށްރަށުގެ ކައުންސިލުގެ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
ރައްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ފަށަނީ މާލީ މުހިންމު ހުރިހާ ހިދުމަތްތަކެއް އެއްތަނަކުން ލިބޭނެ ކަހަލަ އިންތިޒާމެއް، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ގާއިމުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ހާއްސަ ސިޔާސަތުގެ ދަށުންނެވެ.
މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓައި އޭޓީއެމްގެ ހިދުމަތް ދިނުމަށް އިކޮނޮމިކް މިނިސްޓްރީން ބީއެމްއެލްއާ އެކު އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ހަތެއްގަ އެވެ.









