ބަންކަރިން ޚިދުމަތުން 7.4 މިލިއަން ޑޮަލަރު ލިބިއްޖެ: ސައީދު

އަައިޝަތު ޒީނާ | 156 ދުވަސް ކުރިން - 15 މޭ 2025 14:29
އިވަންދިއްޕޮޅުގައި ބަންކަރިންގެ ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތު. / ފޮޓޯ: ޚުލާސާ
އިވަންދިއްޕޮޅުގައި ބަންކަރިންގެ ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތު. / ފޮޓޯ: ޚުލާސާ
ޚުލާސާ

ބަންކަރިން ޚިދުމަތުގެ ޑިމާންޑް އިތުރުވަމުން އަންނަކަން ފާހަގަކުރައްވާ ސައީދު ވިދާޅުވީ ސަރުކާރުން އަންނަނީ އެކަމާއި ގުޅޭ ޤާނޫނުތަކާއި ދައުލަތުގެ ތެރެއިން އިންތިޒާމްތައް ރަނގަޅުކުރުމުގެ މަސައްކަތް ކުރަމުން ކަމަށް.

މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ މަޝްރޫޢުގައި ހިމެނޭ އިންޓަނޭޝަނަލް ބަންކަރިންގެ ޚިދުމަތުން މިހާތަނަށް 7.4 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ސަރުކާރު ހިންގާ ޕީއެންސީގެ ހަރުގެ ޖަލްސާގައި ރޭ ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ފާއިތުވި 5 ވަރަކަށް މަސް ދުވަސް ތެރޭގައި ބަންކަރިންގެ ޚިދުމަތަށް 7.4 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށެވެ. އެއީ 114 މިލިއަން ރުފިޔާއެވެ.

އެ ފައިސާގެ ތެރެއިން %95 އަކީ ރާއްޖެއަށް މުޅިން އަލަށް ގެނައި ލޯ ސަލްފާ ބަންކަރިން މެދުވެރިކޮށް ލިބުނު ފައިސާކަމަށް ސައީދު ވިދާޅުވިއެވެ.

ބަންކަރިން ޚިދުމަތުގެ ޑިމާންޑް އިތުރުވަމުން އަންނަކަން ފާހަގަކުރައްވާ ސައީދު ވިދާޅުވީ ސަރުކާރުން އަންނަނީ އެކަމާއި ގުޅޭ ޤާނޫނުތަކާއި ދައުލަތުގެ ތެރެއިން އިންތިޒާމްތައް ރަނގަޅުކުރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

ބަންކަރިންގެ ޚިދުމަތަކީ ދިވެހިރާއްޖޭގައި މުޅިން އާ ސިނާއަތްތައް ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން ފެށި މަސައްކަތެކެވެ. މި ޚިދުމަތް ފެށުމަށް ސަރުކާރުން 15 އާއި 20 މިލިއަން ޑޮލަރާ ދެމެދުގެ ޢަދަދެއް އިންވެސްޓްކޮށްފައިވެއެވެ.

އިހަވަންދިއްޕޮޅު ޒޯންގައި އޮފްޝޯ ބަންކަރިންގެ ޚިދުމަތް ދެމުން އަންނަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ގުޅިގެންނެވެ. އަދި ބަންކަރިންގ ޚިދުމަތުގެ ދަށުން ބޯޓްތަކަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަނީ ސީދާ އެސްޓީއޯއިންނެވެ.

އޮފްޝޯ ޚިދުމަތެއްގެ ގޮތުގައި އިންޓަނޭޝަނަލް ބަންކަރިންގެ ޚިދުމަތް މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ފަށާފައިވަނީ ދެ ބޯޓާއެކުއެވެ. އެއީ 3258 ޓަނުގެ އެމްޓީ މެރިން އޭންޖަލް އާއި 3929 ޓަނުގެ އެމްޓީ މެރިން ބެލާއެވެ.

މި ދެބޯޓަކީ މިފަދަ ޚިދުމަތް ފޯރުކޮށްދިނުމަށް ފަރުމާކޮށް ބަނދެފައިވާ، ސަލާމަތީ ގޮތުންނާއި ރައްކާތެރިކަމުގެ ގޮތުން ބައިނަލްއަޤްވާމީ މިންގަޑުތަކަށް ފުރިހަމައަށް ފެތޭކަމުގެ ސެޓްފިކެޓްތައް އެލް އާރ ކްލާހުންނާއި ފްލެގް ސްޓޭޓުން ދޫކޮށްފައިވާ ބޯޓުފަހަރެވެ. އަދި މި ދެ ބޯޓަކީ އެސްޓީއޯ އާއި ވިޓޯލް އާއި ގުޅިގެން ބަންކަރިން ޚިދުމަތަށް އެސްޓީއޯގެ ފުރިހަމަ ރައިޓްސްއާއެކު ބެއާ ބޯޓް ޗާޓާ ކޮންސެޕްޓަށް ދެ އަހަރުތެރޭ އެއްކޮށް މިލްކުވާގޮތަށް ހޯދާފައިވާ ދެ ބޯޓުކަން ފާހަގަކޮށްލެވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%