ދިވެހި ޢާއިލާތައް ބަދަހިވެ، ފުދުންތެރިވެ، ދިރިއުޅުމުގެ ފަސޭހަތައް އިތުރުވީ ވަރަކަށް ޤައުމުގެ ކުރިއެރުން ހަލުވިވެ، ކުރިމަގު އުޖާލާ ވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރެވޭ ބައިނަލްއަޤްވާމީ ޢާއިލާތަކުގެ ދުވަހާ ގުޅިގެން ރައީސް މުޢިއްޒު ސޯޝަލް މީޑިއާޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އިތުރަށް ވިދާޅުވީ އިސްލާމްދީން އެންމެ ބޮޑު އިސްކަމެއް ދެނީ ޢާއިލީ ގުޅުންތައް ހަރުދަނާ ކުރުމަށްކަމަށެވެ.
"ދިވެހި ކޮންމެ ޢާއިލާއަކަށް ފަހިކަމާއި ފާގަތިކަމަށް އެދެން. ދިވެހި ޢާއިލާތައް ބަދަހިވެ، ފުދުންތެރިވެ، ދިރިއުޅުމުގެ ފަސޭހަތައް އިތުރުވީ ވަރަކަށް ޤައުމުގެ ކުރިއެރުން ހަލުވިވެ، ކުރިމަގު އުޖާލާ ވާނެ،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ކޮންމެ އަހަރެއްގެވެސް މެއިމަހުގެ 15 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ ޢާއިލާތަކުގެ ދުވަހެވެ. މި ދުވަހާ ގުޅިގެން، ސަރުކާރުން ވަނީ ޢާއިލާތަކުގެ ގުޅުން ވަރުގަދަކޮށް، ބާރުވެރިކުރުވުމަށް ޚާއްސަ އިސްކަމެއްދޭކަން ހާމަކުރައްވާ މުހިއްމު މަސައްކަތްތަކެއް ފައްޓަވާފައެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިހާރު ވަނީ "ހާލު ކިހިނެއް؟" ގެ ނަމުގައި ރާއްޖޭގެ ހުރިހާ ޢާއިލާތަކުގެ ހާލަތު ދެނެގަތުމުގެ ޕްރޮގްރާމެއް ފައްޓަވާފައެވެ. މި ޕްރޮގްރާމް މިހާރު ވަނީ 5 އަތޮޅު ފިޔަވައި އެހެން ހުރިހާ އަތޮޅެއްގައި ކުރިއަށް ގެންގޮސްފައެވެ. މި ޕްރޮގްރާމުން ލިބޭ މަޢުލޫމާތުގެ އަލީގައި އެކި ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދެމުން ދެއެވެ.
މީގެ އިތުރުން، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި އުމުރުން ދުވަސްވީ މީހުން އެ މީހުންގެ ޢާއިލާތަކުގެ ބެލުމުގެ ދަށަށް ބަދަލު ކުރުމަށް ސަރުކާރުން އެހީތެރިކަން ދޭން ވަނީ ނިންމަވާފައެވެ.









