ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ 83 ޕަސެންޓް މަސައްކަތް ނިމިއްޖެ އެވެ.
ހަނިމާދޫ އެއާޕޯޓް ހިންގާ ރީޖަނަލް އެއާޕޯޓްސް އިން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ އެ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫގެ ދަށުން ކުރަމުން އަންނަ މަސައްކަތުގެ 83 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ. މިއީ އެ މަސައްކަތުގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ރީޖަނަލްސް އެއާޕޯޓްސް އިން ބުންޏެވެ.
އިންޑިއާއިން ދީފައިވާ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ އެހީގައި ތަރައްގީކުރަމުން އަންނަ ހަނިމާދޫ އެއާޕޯޓުގެ މަޝްރޫއުގެ ދަށުން ބޮޑު ރަންވޭއަކާއި އާ ޓާމިނަލެއް އަންނަނީ ހަދަމުންނެވެ. ރަންވޭގެ މަސައްކަތް އެއްކޮށް ނިމި މިހާރު އަންނަނީ ބޭނުން ވެސް ކުރަމުންނެވެ.
މި ޕްރޮޖެކްޓް އިންޑިއާގެ ޖީއެމްސީއާ ހަވާލުކުރީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގަ އެވެ.
މި ޕްރޮޖެކްޓުގެ ދަށުން 2.7 ކިލޯ މީޓަރުގެ ރަންވޭއެއް ވަނީ ހަދައިފަ އެވެ. އަދި 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ޓާމިނަލާއި ޖެޓް ފިއުލް ސްޓޯރޭޖުގެ މަސައްކަތް މިހާރު ވަނީ ނިމުމަކާ ގާތްވެފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެފަހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވިދާޅުވެފައިވާ ގޮތުގައި އެ އެއާޕޯޓުގައި ޖުލައިގައި ހުޅުވާނެ އެވެ.