އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭނާގެ މެދުއިރުމަތީގެ ދަތުރުފުޅު އިއްޔެ ފައްޓަވައިފިއެވެ. މި ދަތުރުފުޅުގެ ފުރަތަމަ މަންޒިލަކީ ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާދެވެ. މިއީ ޓްރަމްޕް އަލުން ރައީސްކަމަށް އިންތިޚާބުވުމަށްފަހު ކުރައްވާ ފުރަތަމަ ބޭރު ދަތުރުފުޅެވެ.
ޓްރަމްޕް ސައޫދީ އަށް ވަޑައިގެންނެވުމުން މަރުޙަބާ ދަންނަވަނީ / ފޮޓޯ: ސައުދީ ނިއުސް.
މި ދަތުރުފުޅުގައި އެމެރިކާ އާއި ސައޫދީ އަރަބިއްޔާ އާ ދެމެދު 600 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް އެއްބަސްވުމެއްގައި ސޮއި ކޮށްފައި ވާއިރު، މި އެއްބަސްވުމުގައި ހިމެނެނީ ދިފާއީ، އާޓިފިޝަލް އިންޓެލިޖެންސް، ހަކަތަ އަދި ޢުމްރާނީ ތަރައްޤީ ފަދަ ދާއިރާތަކެވެ. މީގެ ތެރޭގައި ސައޫދީ އަރަބިއްޔާގެ ދިފާއީ ޤާބިލިއްޔަތު އިތުރުކުރުމަށްޓަކައި 142 ބިލިއަން ޑޮލަރުގެ ހަތިޔާރުގެ އެއްބަސްވުމެއްވެސް ހިމެނެއެވެ.
ސައުދީގައި އިއްޔެ ބޭއްވި ބިޒްނަސް ފޯރަމް / ފޮޓޯ: ސައުދީ ނިއުސް
ޓްރަމްޕްގެ ދަތުރުފުޅާއި ގުޅިގެން ބޭއްވުނު އެމެރިކާ-ސައޫދީ އިންވެސްޓްމަންޓް ފޯރަމްގައި އެލޮން މަސްކް، ސެމް އޯލްޓްމަން އަދި ލެރީ ފިންކް ފަދަ ވިޔަފާރިވެރިން ބައިވެރިވިއެވެ. މި ފޯރަމްގައި ސައޫދީގެ ޑޭޓާވޯލްޓް އިން އެމެރިކާގެ އޭއައި ޑޭޓާ ސެންޓަރުތަކަށް ކުރާ 20 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓާއި ގޫގުލް، އޯރަކަލް އަދި އެންވިޑިއާ ފަދަ އެމެރިކާގެ ޓެކް ކުންފުނިތަކާއެކު ޖޮއިންޓް ވެންޗަރތަކެއްގެ އެއްބަސްވުންތައް ވެސް ހިމެނެއެވެ.
ޓްރަމްޕްގެ އެޑްވައިޒަރު އަދި މަހުޖަނު އެލޮން މަސްކް ސައުދީގައި / ފޮޓޯ: ސައުދީ ނިއުސް
މީގެ އިތުރުން، ސައޫދީގެ އެދުމަށް ޓްރަމްޕް ވަނީ ސީރިއާގެ މައްޗަށް އެމެރިކާއިން އަޅާފައިވާ ހުރިހާ ފިޔަވަޅުތަކެއް ނެގުމަށް ނިންމާފައިވާކަން އިއުލާނުކޮށްފައެވެ. އަދި ސީރިއާގެ ރައީސް އަހްމަދް އަލް-ޝަރާއާ ބައްދަލުކުރުމަށް ރާވާފައިވާކަންވެސް ހާމަކޮށްފައިވެއެވެ.
ޓްރަމްޕްގެ ދަތުރުފުޅު ޤަތަރާއި އެމިރޭޓްސްއަށް ވެސް ވަޑައިގަންނަވާނެއެވެ.