ޗައިނާ ސަރުކާރުން ރާއްޖެއަށް ދޭ ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މަތީ ތަޢުލީމާއި ބެހޭ ވުޒާރާއިން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ މި ސްކޮލަރޝިޕްގައި ޕީއެޗްޑީގެ 14 ފުރުޞަތާއި މާސްޓަރސް ޑިގްރީގެ 25 ފުރުޞަތު ހިމެނޭ ކަމަށެވެ. މި ސްކޮލަރޝިޕްގެ ދަށުން ޓިއުޝަން ފީ، އޮންކެމްޕަސް އެކޮމޮޑޭޝަން، ސްޓައިޕެންޑް، ރީސެޓްލްމަންޓް ފީ، މެޑިކަލް އިންޝުއަރެންސް އަދި ދެކޮޅު ޓިކެޓު ހަމަޖައްސާނެ ކަމަށް ވުޒާރާއިން ބުންޏެވެ.
ވުޒާރާއިން ބުނީ މި ފުރުޞަތުތަކަކީ ދަރިވަރުން އަމިއްލައަށް ޚިޔާރުކުރާ ދާއިރާއަކުން ކިޔެވުމަށް ހުޅުވާލާފައިވާ ފުރުޞަތުތަކެއް ކަމަށެވެ.
ސްކޮލަރޝިޕަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި:
އެޕްލައިކުރާ ކޯހާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ޕަބްލިކް ސެކްޓަރގައި މަސައްކަތް ކުރާ ފަރާތަކަށް ވުން.
ސެޕްޓެންބަރު 2025ގެ ނިޔަލަށް އުމުރުން 45 އަހަރުވެފައި ނުވުން.
އަޕްލޯޑުކޮށްފައިވާ ޔުނިވަރސިޓީގެ އިންފޮމޭޝަން ޝީޓުގައި ކޯހާއި ގުޅިގެން އިތުރު ޝަރުތެއްވާނަމަ އެ ޝަރުތު ފުރިހަމަވެފައިވުން.
މި ސްކޮލަރޝިޕަށް ހުށަހެޅޭނީ myedu.egov.mv މެދުވެރިކޮށް، ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށެވެ.
ވުޒާރާއިން ބުނީ މަތީ ތަޢުލީމު ހާސިލްކުރުމަށް ކުރިން ލޯނެއް ނަގައި އަދި އެލޯނު ޤަވާޢިދުން ދައްކަމުންދާނަމަ، އެފަރާތްތަކަށް ވެސް، މި ސްކޮލަރޝިޕަށް އެދެވޭނެ ކަމަށެވެ. އަދި ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވިފައިވާ ކެންޑިޑޭޓުންވެސް ލޯނު އެގްރިމަންޓްގައި ސޮއި ނުކުރާނަމަ، މި ފުރުޞަތުގައި ބައިވެރިވެވޭނެ ކަމަށް ވުޒާރާއިން ބުންޏެވެ. ނަމަވެސް މި ސްކޮލަރޝިޕަށް ނޮމިނޭޓްވުމުން ލޯނު ފުރުޞަތު ދޫކޮށްލަންޖެހޭނެ ކަމަށް ވުޒާރާއިން ބުންޏެވެ.
މީގެ އިތުރުން، އެހެން ސްކޮލަރޝިޕަށް ނޮމިނޭޓްވެފައިވާ ކެންޑިޑޭޓެއް، މި ސްކޮލަރޝިޕް ފުރުޞަތަށް ނޮމިނޭޓް ނުކުރެވޭނެކަމަށް ވުޒާރާއިން ބުންޏެވެ.