މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރުކަމަށް މޫސާ ރިލްވާން ޢައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
އެ މަޤާމު ހުސްވެފައިވަނީ މެންބަރެއްގެ ގޮތުގައި ހުންނެވި މުޙައްމަދު ފަޒީން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އެއާއެކު އެ މަޤާމަށް ކުރިމަތިލެއްވި 10 ބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މަޖިލީހަށް ފޮނުއްވާފައެވެ.
އެ ނަންތައް ދިރާސާ ކުރުމަށްފަހު އޭގެ ތެރެއިން %75 ވުރެ މަތިން މާކްސް ލިބުނީ 5 ބޭފުޅަކަށެވެ. އެ 5 ބޭފުޅުންނާއި، ލިބުނު މާކްސްއަކީ:
- ޒީނާ ޒާހިރު – %85.13
- އައިޝަތު ޝިޔާނާ - %83
- ޝިމްލާ އަހުމަދު - %82
- މޫސާ ރިލްވާން - %81
- ޒަމްއަތު އަހުމަދު ވަހީދު - %77.50
އެންމެ މަތިން މާކްސް ލިބުނު ޒީނާ އެ މަޤާމަށް ޢައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އިއްޔެ ވަނީ ފާސްކޮށްފައެވެ. ނަމަވެސް ކޮމިޓީގެ ރިޕޯޓުގައި ހިމެނޭ ފަސް މެންބަރުންގެ ނަންތަކަށް މަޖިލީހުގެ ތަޅުމުގައި ވަކި ވަކިން ވޯޓަށް އެހުމުން ގިނަ މެންބަރުން ވޯޓު ދެއްވާފައިވަނީ ޒީނާ އާއި ޝިޔާނާ އަދި ޝިމްލާ ޢައްޔަންކުރަން ނުފެންނަ ކަމަށެވެ.
ބްރޯޑްކޮމްގެ މެންބަރުކަމަށް ރިލްވާން ޢައްޔަންކުރުމަށް ފާސްކޮށްފައިވަނީ 70 މެންބަރުންގެ އިއްތިފާޤުންނެވެ. އެގޮތުން އެ ލިސްޓުގައި ދެން އިން ޒަމްޢަތުގެ ނަމަށް ވޯޓަށް އަހާފައެއް ނުވެއެވެ.
ރިލްވާން އަކީ ޓީވީއެމްގައި ގިނަ އަހަރުތަކެއް ވަންދެން ޕްރޮޑިއުސަރެއް އަދި ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާ، ހައުސިންގ މިނިސްޓްރީގައި ކޮމިއުނިކޭޝަން އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން އަންނަ ފަރާތެކެވެ.
މީގެ އިތުރުން، ބްރޯޑްކޮމްގެ އިތުރު ގޮނޑިއެއް ހުސްވާތީ އެ މަޤާމަށް ޢައްޔަންކުރުމަށް އިތުރު ނަންތަކެއް ރައީސް ވަނީ އިއްޔެ ފޮނުއްވާފައެވެ.