ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ވިނަރެސްގެ ޓަވަރެއްގައި އެޗްޑީސީގެ އޮފީހެއް މިއަދު ހުޅުވައިފި އެވެ.
އެޗްޑީސީން ބުނީ އެ ކުންފުނިން ދެމުން އަންނަ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވިނަރެސް ޓަވަރު 6 ގައި އެޗްޑީސީގެ ކަސްޓަމާ ކެއާ އޮފީހެއް ހުޅުވާފައިވާ ކަމަށެވެ.
އެ އޮފީހަކީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހައިން އެޗްޑީސީގެ ކަސްޓަމާ ކެއާ މެދުވެރިކޮށް މައުލޫމާތު ސާފުކުރެވޭނެ މަގު ފަހިކުރުމަށް ހުޅުވި ތަނެއް ކަމަށް އެޗްޑީސީން ބުންޏެވެ.
އެ އޮފީސް ހުޅުވާފައި ވަނީ ވިނަރެސްގެ ހަވަނަ ޓަވަރުގެ އެއްވަނަ ފަންގިފިލާގަ އެވެ.
އެޗްޑީސީން ބުނީ ކަސްޓަމަރުންނަށް މައުލޫމާތު ސާފުކޮށްދިނުމާއި އެކި ކަހަކަ ފޯމު އެޕްލިކޭޝަންތަކާއި ފައިސާ ބަލައިގަތުމުގެ ހިދުމަތް ވެސް އެ އޮފީހުން ލިބޭނެ ކަމަށެވެ. ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރު ފަހު 02:00 އަށް އެ އޮފީސް ހުޅުވާފައި ހުންނާނެ ކަމަށް ވެސް ބުންޏެވެ.
އެޗްޑީސީން ބުނީ ހިޔާ ޓަވަރުގައި ހުރި އެޗްޑީސީގެ އޮފީސް ދާއިމީކޮށް ބަންދުކުރުމާ ގުޅިގެން އެ އޮފީހުން ދެމުންއައި ހުރިހާ ހިދުމަތެއް މީގެ ފަހުން ލިބޭނީ ވިނަރެސްގައި ހުޅުވި އެޗްޑީސީ އޮފީހުން ކަމަށެވެ.
އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރަނީ އެތަނުން ދެމުން އަންނަ ހިދުމަތްތަކުގެ ފެންވަރު ދުވަހެއް ދުވަހަކަށް ރަނގަޅުކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަށް ކަމަށް އެޗްޑީސީން ބުންޏެވެ.