ޕާކިސްތާނުން ދެން އިންޑިއާގެ ސަރަަޙައްދަކަށް ޓެރަރިސްޓު ހަމަލާއެއް ދީފިނަމަ ޕާކިސްތާނަށް ކުޅި ދައްކާލާނެ ކަމަށް ވިދާޅުވެ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޕާކިސްތާނަށް ވަރަށް ހަރުކަށި އިންޒާރެއް ދެއްވައިފިއެވެ. މޯދީ މި އިންޒާރު ދެއްވީ އިއްޔެ ދެއްވި ޚިޠާބުގައެވެ.
މޯދީ ވިދާޅުވީ ޕާކިސްތާނުން ޓެރަރިޒަމަށް ހިއްވަރުދޭނަމަ އިންޑިއާއިން އެކަމުގައި ރައްދު ދިނުމަށް އެއްވެސް ވަރަަކަށް ފަހެއް ނުޖެހޭނެ ކަމަށެވެ. އިންޑިއާގެ މަސްލަހަތު ހިމާޔަތްކުރުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރައްވާނެ ކަމަށާއި، ޕާކިސްތާނުން އިންޑިޔާއަށް ހަމަލާއެއް ދީފިނަމަ ވަރަށް ފުރިހަމަ ބާރާއެކު ވަރަށް ވަރުގަދަ ރައްދެއް ދެއްވާނެ ކަމަށް ވެސް މޯދީ ވިދާޅުވިއެވެ.
މި ޚިޠާބުގައި މޯދީ ވަނީ ހިނގަމުންދާ ސުލްޙަވެރިކަމުގެ މަސައްކަތްތަކާ ގުޅޭގޮތުންވެސް ވާހަކަފުޅު ދައްކަވާފައެވެ. އޭނާ ވިދާޅުވީ އިންޑިއާއިން ސުލްޙައަށް ލޯބިކުރާ ކަމަށެވެ. އަދި އިންޑިއާގެ ސަލާމަތާއި ރައްކާތެރިކަމަށް އެއްވެސް އުނިކަމެއް ނާންނާނެ ކަމަށާއި، ޕާކިސްތާނުން ދާއިމީ ސުލްޙައެއް ބޭނުންވާނަމަ، އެ ޤައުމުން ޓެރަރިސްޓު ޖަމާޢަތްތައް ނައްތާލަންޖެހޭނެ ކަމަށްވެސް މޯދީ ވިދާޅުވިއެވެ.
އެމެރިކާ މެދުވެރިވެ އިންޑިއާ އާއި ޕާކިސްތާނާއި ދެމެދު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ދުނިޔޭގެ ޤައުމުތަކުން މަރުޙަބާ ކިޔާފައިވެއެވެ. ޖީ7 ގެ ޤައުމުތަކުން ވަނީ ދެ ޤައުމުގެ ދެމެދުގައި ސީދާ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ގޮވާލާފައެވެ.









