ޕާކިސްތާނުގެ މިލިޓަރީން ވޭތުވެދިޔަ 15 ގަޑިއިރުގެ ތެރޭގައި އިންޑިއާގެ 12 ޑްރޯން ވައްޓާލައިފިކަމަށް ބުނެފިއެވެ.
ޕާކިސްތާނުގެ އިންޓަރސަރވިސަސް ޕަބްލިކް ރިލޭޝަންސް (އައިއެސްޕީއާރު) އިން ބުނާގޮތުގައި މި ޑްރޯންތައް ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަދެފައިވަނީ އިންޑިއާއިން "އޮޕަރޭޝަން ސިންދޫރު" ގެ ދަށުން ޕާކިސްތާނުގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކަށް ހަމަލާ ދިނުމަށް ފަހުގައި ކަމަށެވެ.
މި ޑްރޯންތަކުގެ ތެރެއިން އެއް ޑްރޯން ވައްޓާލައިފައި ވަނީ ލާހޯރުގެ މަތިން ކަމަށާއި، މި ހާދިސާއާ ގުޅިގެން ކުއްލި ނުރައްކަލުގެ ޚިދުމަތްތައް އެ ސަރަހައްދަށް ފޮނުވައި، ބޮޑެތި ސިޓީތަކުގައި ސަލާމަތީ ކަންކަން ވަނީ ވަރުގަދަކޮށްފައި ކަމަށް ޕާކިސްތާނުން ބުނެ އެވެ.
އިންޑިއާއިން މި ޑްރޯންތަކާ ގުޅޭގޮތުން މިހާތަނަށް ވަކި އެއްޗެއް ނުބުނެއެވެ.
ޕާކިސްތާނުގެ އިސްވެރިން މި ޑްރޯން ހަމަލާތައް ސިފަކޮށްފައިވަނީ "އުދުވާނީ ޢަމަލެއް" ގެ ގޮތުގައެވެ.









